10 Sep 2012, 14:06
އަންނަ ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖައްސާފައިވާ ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި މަންދޫބުންނަށް ބައިވެރިވެވޭނެ އުސޫލުތައް އެ ޕާޓީގެ އިންތިގާލީ ކައުންސިލުން ކަނޑައަޅައިފި އެވެ.
ޕީޕީއެމްގެ ގައުމީ ޖަލްސާގައި މަންދޫބުންނަށް ބައިވެރިވެވޭނެ އުސޫލުތައް ބަޔާންކޮށް އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާގައި މަންދޫބުންނަށް ބައިވެރިވެވޭނީ ދެ ގޮތަކަށް ކަމަށެވެ. އެއީ އިންތިހާބުވެގެން އެ ޖަލްސާގައި ބައިވެރިވާ މަންދޫބުންނާއި ދައުވަތު ލިބޭ ހާއްސަ މަންދޫބުންނަށް ކަމަށެވެ.
އިންތިހާބުވެގެން ޕީޕީއެމްގެ ގައުމީ ޖަލްސާގައި ބައިވެރިވެވޭނެ މަންދޫބުންގެ ތެރޭގައި އެ ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ ކޮންމެ ރަށު ގޮތްޕަކުން ބައިވެރިވާ އެއް މަންދޫބަކާއި އެ ގޮތްޕަކަށް އިތުރުވާ ކޮންމެ 50 މީހެއްގެ ފަރާތުން ބައިވެރިވާ މަންދޫބެއް ކަމަށް އެ ޕާޓީން ބުންޏެވެ.
ގޮފިތަކުން ގައުމީ ޖަލްސާގައި ބައިވެރިވާ މަންދޫބުން އިންތިހާބު ކުރާނީ އެ ގޮފީގެ 50 ޕަސެންޓް މެންބަރުންނާ އެކު އިތުރު އެއް މެންބަރަކު ހާޒިރުވާ ޖަލްސާއަކުން ކަމަށާއި އެ ޖަލްސާ ބާއްވަން ވާނީ ތިން ދުވަސް ކުރިން ހުރިހާ މެންބަރުންނަށް އަންގައި އިޢުލާންކޮށްގެން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އެގޮތުން ގޮފިތަކުން ގައުމީ ޖަލްސާގައި ޒުވާނުންގެ މަންދޫބަކާއި އަންހެނުންގެ މަންދޫބަކު ބައިވެރިކުރާނެ ގޮތާއި އެ މަންދޫބުންނަށް އެހެން ޖަލްސާތައް ވަނީ ކަނޑަައަޅައިފަ އެވެ.
މީގެ އިތުރުން ކޮންމެ އަތޮޅެއްގައި ވެސް ޕީޕީއެމް ނިސްބަތްވާ ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުވާ އެއް ކައުންސިލަރަކު އެ ޕާޓީގެ ގައުމީ ޖަލްސާގައި ބައިވެރިކުރާނެ ގޮތާއި އެ ޕާޓީގެ ހާއްސަ ގޮއްޕެއްގެ މެންބަރަކު ގައުމީ ޖަލްސާގައި ބައިވެރިކުރާނެ އުސޫލާއި ޒުވާނުންގެ މަސްލަހަތު ކުރިއަރުވާ ހާއްސަ ގޮތްޕެއްގެ މެންބަރަކު އެ ޖަލްސާގައި ބައިވެރިކުރާނެ ގޮތާއި އަންހެނުންގެ މަސްލަހަތު ކުރިއަރުވާ ހާއްސަ ގޮއްޕެއްގެ މެންބަރުން ބައިވެރިކުރާނެ ގޮތް ވެސް އެ ޕާޓީން ވަނީ ކަނޑައަޅައިފަ އެވެ.
ޕީޕީއެމްގެ ގައުމީ ޖަލްސާ އަށް ދައުވަތުދީގެން ބައިވެރިވާ މަންދޫބުންނަކީ ޕީޕީއެމްގެ އިންތިގާލީ ކައުންސިލް މެންބަރުންނާއި މަޖިލީގައި ޕީޕީއެމް ތަމްސީލްކުރާ މެންބަރުނާއި މިހާރު ސަރުކާރުގައި ތިއްބެވި ޕީޕީއެމަށް ނިސްބަތްވާ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ސަރުކާރުގެ ބޯޑުތަކުގެ ޗެއާ އާއި އެ ޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިއްޒަތްތެރިންގެ ތެރެއިން އެ ޕާޓީ އަށް ނިސްބަތްވާ މެންބަރުންނާއި ޕީޕީއެމަށް ނިސްބަތްވާ އަތޮޅު ކައުންސިލްގެ ރައީސުންގެ އިތުރުން ސިޓީ ކައުންސިލްތަކުގައި ތިބި އެ ޕާޓީގެ މެންބަރުން ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމުން އަންނަ ނޮވެންބަރު މަހުގެ 15 އިން 16 ވަނަ ދުވަހު ނިޔަލަށް ބާއްވާ އެ ޕާޓީގެ ގައުމީ ޖަލްސާގައި ބައިވެރިވެވޭނީ 30 ސެމްޓެންބަރުގެ ކުރިން ގޮފިތައް އުފައްދައި ޕާޓީގެ މައި އޮފީހަށް ފޯމް ހުށަހަޅައި އޮކްޓޯބަރު 18 2012ގެ ނިޔަލަށް ރެޖިސްޓްރީކޮށްފައިވާ ގޮފިތަކުން އިންތިހާބް ކުރާ މަންދޫބުން ކަމަށާއި ގައުމީ ޖަލްސާ އަށް މެންދޫބުން އިންތިހާބު ކުރާ މަންދޫބުން އިންތިހާބު ކުރުމުގައި ގޮފީގެ އަދަދު ކަމަށް ބެލޭނީ 18 އޮކްޓޯބަރު 2012ގެ ނިޔަލަށް އެ ގޮތްޕެއްގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ މެންބަރުންގެ އަދަދަަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.