10 Sep 2012, 14:04
ފެބްރުއަރީ 8، 2012 ގައި އައްޑޫގައި ހުޅުޖެހި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ފޭދޫ ދާއިރާގެ ސިޓީ ކައުންސިލަރު އަހުމަދު މިރުޒާދަށް ޗިޓް ހަވާލު ނުކުރެވުނު ކަމަށް ބުނެ، ކްރިމިނަލް ކޯޓުން ބުނި ވާހަކަތައް މިރުޒާދު ދޮގު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނެފައި ވަނީ މިރުޒާދަށް ޗިޓް ހަވާލު ކުރަން އޭނާ ދިރިއުޅުއްވާ ގެއަށް ދިއުމުން "މިރުޒާދު އުޅޭ ތަނެއް ވެސް އަދި ގުޅޭނެ ނަންބަރެއް ވެސް ނޭނގޭ" ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.
ނަމަވެސް މިރުޒާދު މިއަދު ސަންއަށް ގުޅުއްވައި ވިދާޅުވީ އޭނާ މިހާރު ހުންނެވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަތުރެއްގައި މާލޭގައި ކަމަށާއި ޗިޓް ހަވާލު ކުރަން ކޯޓުން މަސައްކަތް ކުރިނަމަ ސިޓީ ކައުންސިލުން އެހީތެރިވެދޭނެ ކަމަށެވެ. އަދި އާއިލާއިން ދެއްކި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބުނެފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޗިޓާ ހަވާލުވެ ވަޑައި ނުގަންނަވާން ނޫޅުއްވާ ކަމަށާއި މިހާރު ވެސް ޗިޓް ލިބިވަޑައިގެންފިނަމަ ކޯޓަށް ހާޒިރުވެ، މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"މިދިޔަ މަހުގެ 29 ގައި މާލެއައި ގޮތަށް މި އުޅެނީ. ސިޓީ ކައުންސިލްގެ ފަރާތުން އެލްޖީއޭއަށް އަޅުގަނޑު ކަނޑައަޅާފައި ހުންނާތީ ދަތުރެއްގައި މިއުޅެނީ. އަޅުގަނޑަށް ގުޅާފައި ވެސް ނެތް ކޯޓަކުން. އަދި އެހެންތަނަކުން ވެސް. އަޅުގަނޑު މިހާރު ވެސް މިހިރީ ޗިޓާ ހަވާލުވެ ކޯޓަށް ހާޒިރުވެ ޖަވާބުދާރީވާން ތައްޔާރުވެގެން،" މިރުޒާދު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކައުންސިލަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރު ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެނަމަ ކައުންސިލަރު ކަމުން އެ މީހަކު ވަކިވާނެ އެވެ. މިރުޒާދުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. ޓެރަރިޒަމްގެ ގާނޫނު ބުނާ ގޮތުން ޓެރަރިޒަމްގެ ކުށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށް ލުމެވެ.
އައްޑޫގައި ހުޅުޖެހި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާ 40 މީހުންގެ ތެރޭގައި މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވެސް ހިމެނެއެވެ. ގާނޫނު އަސާސީ ބުނާ ގޮތުން މަޖިލިސް މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ދޮޅު އަހަރުގެ ހުކުމެއް ތަންފީޒު ކުރަންޖެހިއްޖެ ނަމަ އޭނާ ތަމްސީލު ކުރައްވާ މަޖިލީހުގެ ގޮނޑި ގެއްލުނީ އެވެ.
ހުޅުޖެހި މައްސަލައިގެން ޝަރީއަތް މިއަދު ފަށާފައިވާއިރު މެޓްރިކްސް މޯޓް ވެސް މިއަދުގެ ޝަރީއަތަކަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. އޭނާ ހުންނެވީ މަޖިލީހުގެ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގަ އެވެ.
އައްޑޫގައި ހުޅުޖެހި މައްސަލައިގައި ދައުވާ ލިބޭ 40 މީހުންގެ ތެރެއިން މިއަދުގެ ޝަރީއަތަށް ހާޒިރުވީ 32 މީހުންނެވެ.