10 Sep 2012, 13:52
އިގްތިސޯދީ ހާއްސަ ހާލަތެއް ދިމާވެފައިވާ ކަމަށް ބުނެ ސިވިލް ސާވަންޓުންގެ މުސާރައިން 2010 ވަނަ އަހަރު އުނިކުރި ބައި މިދިޔަ ޖޫން މަހުން ފެށިގެން ދޭން ފެށި ނަމަވެސް ބައެއް މުވައްޒަފުންނަށް އެ ފައިސާ ލިބެމުން ނުދާ ކަމަށް ބުނެ ޝަކުވާކުރަން ފަށައިފި އެވެ.
އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރަމުންދާ ބައެއް މުވައްޒަފުން މިއަދު ބުނީ އެ މީހުންގެ މުސާރައިން އުނިކުރި ބައި ލިބޭނެ ކަމަށް ފިނޭންސުން ޖޫން މަހުގެ ތެރޭގައި ސާކިއުލާއަކުން އެންގި ކަމަށާއި ނަމަވެސް އޭގެ ފަހުން ތިންމަހާއި ގާތްވެފައިވާއިރު އެ ފައިސާ އަދިވެސް ނުދޭ ކަމަށެވެ.
"އަޅުގަނޑުމެން އެކި ގޮތްގޮތުން ބަލައިފިން ނަމަވެސް އަދިވެސް އެ ފައިސާއެއް ނުލިބޭ، އެކި ގޮތްގޮތުން ބަލައިފިން، ވިދާޅުވަނީ ދޭނެ ކަމަށް،" އަތޮޅުތަކުގެ ހެލްތްސެންޓަރެއްގައި މަސައްކަތް ކުރާ މުވައްޒިފަކު ބުންޏެވެ.
ބައެއް ރަށްރަށުގެ މިސްކިތްތަކުގެ އިމާމުންނަށް ވެސް އުނިކުރި މުސާރަ އަދިވެސް ނުދޭ ކަމުގެ ޝަކުވާ އެ އިމާމުންވެސް އަންނަނީ ކުރަމުންނެވެ. މެދު ރާއްޖެ ތެރޭގެ ރަށެއްގައި އިމާމުކަން ކުރާ މީހަކު މިއަދު ބުނީ އުނިކުރި މުސާރަ ނުލިބޭތާ މިހާރު ތިން މަސް ދުވަސް ވެދާނެ ކަމަށެވެ.
"އެއިން އެންމެ ލާރިއެއް ވެސް އަޅުގަނޑަކަށް ނުލިބޭ، ކައުންސިލް އިދާރާއިން ބުނަނީ އަޅުގަނޑުމެންނަކަށް ނޭނގެއޭ،" އޭނާ ބުންޏެވެ.
އެ ޝަކުވާތަކާ ގުޅިގެން ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އުނިކުރި މުސާރަ އަދި ބައެއް މުވައްޒަފުންނަށް ލިބެމުން ނުދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ހެލެތު ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭ ކަމަށެވެ.
"މީގައި މިވީގޮތަކީ އެމީހުން ކުރިން ތިބީ ހެލެތު ކޯޕަރޭޝަންތަކުގެ ދަށުގައި، މިފަހުން އަނެއްކާ އެ މީހުން މިނިސްޓްރީއަށް ބަދަލު ކުރީމައި އެ ފައިސާ ދިނުމުގައި ކުޑަކޮށް ދަތިތަކެއް މިއުޅެނީ، އެކަމަކު އެކަންވެސް ވަރަށް އަވަހަށް ބަޖެޓުން ހަމަޖެހޭނެ،" ޖިހާދު ވިދާޅުވި އެވެ.
ޖެނުއަރީ 2010 ކުން 31 ޑިސެމްބަރު 2010 އަކަށް އުނިކުރި ސިވިލްސާވަންޓުންގެ މުސާރަދޭން ސަރުކާރާއި ސީއެސްސީން އެއްބަސްވެފައިވަނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި އެއްފައިސާ އަބުރާ ދައްކައި ހަލާސްކުރުމަށެވެ.
އެގޮތުން އެ ފައިސާ ދޫކުރާނީ މިދިޔަ ޖެނުއަރީން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް އެ މުވައްޒަފަކު ވަޒީފާއަދާކުރި އިދާރާއަކުން ކަމަށް ފިނޭންސުން ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ފައިސާ ދޫކުރަން ވާނީ އެ އޮފީހަކަށް މިއަހަރަށް ކަނޑައެޅުނު ބަޖެޓްގެ ތެރެއިން ކަމަށް ވެސް ފިނޭންސުން ވަނީ ބުނެފަ އެވެ.
މުވައްޒަފުންގެ މުސާރަ އިއާދަ ކުރުމަށް ސިވިލްސާވިސް ކޮމިޝަނުން މިއަހަރުގެ ބަޖެޓްގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 443.7 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ވަނީ ބަޖެޓުގައި ނުހިމަނަ އެވެ.