27 Mar 2026, 11:41
ދިވެހިރާއްޖޭގައި ހަމަޖެހުން ގިނަ ދުވަހަށް ގާއިމުވެ އޮންނާނީ އިންތިޚާބުތައް މަދުވުމުން ކަމަށް، ކުރީގެ ބަންޑާރަނައިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ރޭ ވިދާޅުވެއްޖެއެވެ.
މައި ދެ އިންތިޚާބުކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން 'ޕޮލިސީއެމްވީ'އިން "ސިޔާސަތު ޚާއްސަ"ގެ ނަމުގައި ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުން ޢާޒިމާ ފާހަގަކުރެއްވިގޮތުގައި އާ ގާނޫނުއަސާސީ އައި ފަހުން މިހާތަނަށް އިންތިޚާބުވި އެއްވެސް ރައީސުލްޖުމްހޫރިއްޔާއަކަށް ދެވަނަ ދައުރެއް އަދި ލިބިފައިނުވެއެވެ.
ޢާޒިމާ ވިދާޅުވީ، މިހާރު މި އޮތް ގާނޫނީ އޮނިގަނޑަށް ބަލައިފިނަމަ ދިވެހީން މި ތިބީ އިންތިޚާބުތަކެއް ތެރޭ ކަމަށެވެ.
އެގޮތުން ފަސް އަހަރު ދުވަހުގެ ތެރޭ ތިން އިންތިޚާބެއް ބޭއްވުމަކީ މައްސަލައެއް ކަމަށް ޢާޒިމާ ވިދާޅުވިއެވެ. އެއާއެކު، އިންތިޚާބުތައް މަދުވުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއްގެ ގޮތުގައި ޢާޒިމާ ގަބޫލެއްނުކުރައްވައެވެ.
"ޑިމޮކްރަސީގެ ސުވާލުތޯ މަދުވަނީ، ސުވާލު އަހާ ފަހަރުތޯ މަދުވަނީ؟ އެއްވެސް ހާލެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އަޅުގަނޑުގެ ދާއިރާއިން އިންތިޚާބުކުރާނީ މިވެނި މީހަކު، އޭގައި އަޅުގަނޑުގެ ސޭއެއް މަދެއްނުވޭ،" ޢާޒިމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ރައްޔިތުންނަށް އަބަދު ސަރުކާރުން ވަޒީފާދީގެން ވެރިކަމެއް ހިންގާ ވިސްނުމަކީ ބަދަލުކުރަން ޖެހިފައިއޮތް ވިސްނުމެކެވެ.
ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ "އަމިއްލަ އިސްކޮޅާ ހަމައަށް ކޮޅަށް ތެދުވަން" ޖެހިފައިވާކަން ޢާޒިމާ ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި ރާއްޖެއަށް ބޭނުންވަނީ ގައުމުގެ ޚާރިޖީ ސިޔާސަތާއި ދަރަނީގެ ކަންކަން ބެލެހެއްޓޭނެ، ވަރުގަދަ ރިޔާސީ ނިޒާމެއް ކަމަށް، ޢާޒިމާ ވިދާޅުވިއެވެ.
"އެހެންވީމާ ދަ ލެސާ އިންތިޚާބު، ދަ މޯ ސްޓެބިލިޓީ،" ޢާޒިމާ ވިދާޅުވިއެވެ.