ޕްރިޔާދަރުޝަންގެ 100 ވަނަ ފިލްމުގައި މޯހަންލާލް
ޕްރިޔާދަރުޝަންގެ 100 ވަނަ ފިލްމުގައި މޯހަންލާލް

އިންޑިއާގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ 100 ވަނަ ފިލްމު އުފައްދާނީ މަޅަޔާލަމް ސިނަމާގެ ސުޕަސްޓާ މޯހަންލާލްއާ އެކުކަން އިއުލާނުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މޯހަންލާލް އެކްސްގައި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ، ބައެއް ކާމިޔާބީތަކަކީ ހަމައެކަނި އެކަކަށް ނިސްބަތްވާ އެއްޗެއް ނޫން ކަމަށާއި، އެއީ އެ ދަތުރުގައި ބައިވެރިވި އެންމެންގެ ކާމިޔާބީއެއް ކަމަށެވެ.

އަދި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ޕްރިޔާދަރުޝަންގެ 100 ވަނަ ފިލްމަށް ތައްޔާރުވަމުންދާއިރު، އެކަމުގެ ސަބަބުން ލިބޭ އުފާ ބަޔާންކޮށްދޭން ވެސް ނޭނގޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މޯހަންލާލް އިތުރަށް ފާހަގަކުރި ގޮތުގައި، ޕްރިޔާދަރުޝަންގެ ފުރަތަމަ ފިލްމުން ފެށިގެން މިހާތަނަށް އައިއިރު، މިއީ އޭނާގެ ފިލްމީ ހަޔާތުގައި ވަރަށް މުހިންމު ހިސާބެކެވެ.

ފިލްމު ޑައިރެކްޓަރު ޕްރިޔާދަރުޝަން މޯހަންލާލް އެކްޓަރު ސައިފްއަލީ ޚާންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

"ސަތޭކަ ފިލްމަކީ ހަމައެކަނި އަދަދެއް ނޫން. އެއީ މުޅި އުމުރު ދުވަހު ކުރި ބުރަ މަސައްކަތާއި، ސިނަމާއަށް ހުރި ލޯތްބާއި، ކެނޑިނޭޅި ކުރި ހިތްވަރުގެ ނަތީޖާ،" އުމުރުން 65 އަހަރުގެ އެކްޓަރު ލިޔެފައިވެއެވެ.

މޯހަންލާލް އަކީ ޕްރިޔާދަރުޝަން 1984ގައި ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "'ޕޫޗައްކޮރޫ މޫއްކުތީ"ގެ އެކްޓަރެވެ. އޭގެފަހުން ވެސް މޯހަންލާލް ވަނީ ޕްރިޔާދަރުޝަންގެ އިތުރު ފިލްމުތަކެއްގައި ވެސް އެކީގައި މަސައްކަތްކޮށްފައެވެ.

އޭގެތެރޭގައި 2016ވަނަ އަހަރު ރިލީޒްކުރި ކްރައިމް ތުރިލާ "އޮއްޕަމް" ހިމެނެއެވެ. ސައިފް އަލީ ޚާނާއި އަކްޝޭ ކުމާރާ އެކު ޕްރިޔާދަރުޝަން އުފައްދާ ފިލްމު "ހައިވާން" އަކީ "އޮއްޕަމް"ގެ ހިންދީ ރިމޭކްއެކެވެ.

މޯހަންލާލް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ދްރިޝްޔަމް"ގެ ތިން ބައިންނެވެ.