ލޯކަލް ކައުންސިލު އިންތިޚާބަށް ކުޑަތަންވެފައި އޮއްވައި އެއްވެސް 'ހަމައެއް ލަމައެއް' ނެތި އެ ކުންފުނީގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދޭ ކަމަށް ބުނެ، އެކަން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އަންނަ މަހުގެ ހަތަރުވަނަ ދުވަހު އޮންނަ އިންތިޚާބާ ދިމާކޮށް، އާރުޑީސީގެ މުވައްޒަފުންނަށް އެއްވެސް އުސޫލެއްނެތި ޕްރޮމޯޝަން ދެމުން އަންނަ ކަމަށް ބުނެފައެވެ.

އެހެންވެ، މީކާއީލް އެދިވަޑައިގަތީ ނޮވެންބަރު 28، 2023އިން ޖުލައި 29، 2025އަށް، އަދި ޖުލައި 30، 2025އިން ފެށިގެން މި މާރިޗު މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މެދުވެރިކޮށް ބައެއް މައުލޫމާތު ހޯދަން އެދިވަޑައިގެންފައެވެ.

އޭގެތެރޭގައި އާރުޑީސީގައި ޕްރޮމޯޝަން ދޭ ގޮތާއި، ދެވޭ މިންގަނޑުތަކާއި، އެ ކުންފުނީގެ ހިންގުމުގެ އޮނިގަނޑާއި، ކުންފުނީގެ މުވައްޒަފުންގެ އަދަދާއި، ވަޒީފާތަކުގެ ގިންތިތައް ކަނޑައަޅައިފައިވާ ގޮތާއި، އެ ކުންފުންޏަށް ސަރުކާރުން މިއަހަރުގެ ބަޖެޓު ހިމެނޭހެން ވޭތުވެދިޔަ ދެ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ކުންފުނީގެ ބޯޑުން ނިންމި ނިންމުންތައް ހިމެނެއެވެ.

އޭގެ އިތުރުން ދެން މީކާއީލް ހޯދަން އެދިވަޑައިގެންނެވި މައުލޫމާތުތަކަކީ:

  • ކުރީގެ އާރުޑީސީ މުވައްޒަފުންގެ ތަފުސީލު

  • ޕްރޮމޯޝަންތައް ދިން ގޮތުގެ ތަފުސީލު
  • މެނޭޖިން ޑިރެކްޓަރުގެ ބިއުރޯގައި ހިމެނޭ މުވައްޒަފުންގެ ތަފުސީލު
  • އެކި ސެކްޝަންތަކާއި ޑިޕާޓްމަންޓުތަކުގެ ވެރިންގެ ތަފުސީލު
  • ހުރިހާ މުވައްޒަފުންގެ ތަފުސީލު
  • މިދިޔަ ޖުލައި މަހުން ފެށިގެން މިމަހުގެ ދިހަވަނަ ދުވަހަށް އާރުޑީސީގެ ބޯޑުން ނިންމި ނިންމުންތަކުގެ ތަފުސީލު

މީކާއީލް ވަނީ މި މައުލޫމާތުތައް ހޯދައި، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގެ ބައްދަލުވުމެއް ވީހާވެސް އަވަހަށް ބާއްވައިދިނުމަށް އެދިފައެވެ.

ބޮޑު އިންތިޚާބެއް ބޯމަތިވެފައި އޮއްވައި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އާރުޑީސީން ކުންފުނީގެ މަޝްރޫއުތަކަށް ބޭނުންވާކަމަށް ބުނެ، ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް މި މަހުގެ 14ވަނަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ.

އެ ކުންފުނިން ރާއްޖޭގެ ހަ ރަށެއްގެ ސައިޓުތަކަށް ބޭނުންވާ 150 ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

އާރުޑީސީން ވަކިވަކިން ކޮށްފައިވާ އިޢުލާންތަކަށް ބަލާއިރު، އެންމެ ގިނަ މުވައްޒަފުން ބޭނުންވަނީ ހއ. އުލިގަމާއި އއ. ރަސްދުއަށެވެ. އެއިން ކޮންމެ ރަށަކަށް 50 މުވައްޒަފުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން ކ. ކާށިދުއަށް 24 މުވައްޒަފުން، ތ. މަޑިފުށްޓަށް 13 މުވައްޒަފުން، އަދި ހދ. ނައިފަރަށް 12 މުވައްޒަފުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޅ. ހިންނަވަރުން ހުޅުވާލާފައި ވަނީ އެއް ފުރުސަތަށެވެ.

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކުން ވަޒީފާތައް "ބެހުން" ވެފައިވަނީ ސަރުކާރުތަކުން ވަރަށް އާންމުކޮށް ކުރާ ކަމަކަށެވެ. ކޮރަޕްޝަނަށް މަގުފަހިވާހެން ސަރުކާރުގެ މިފަދަ ވަސީލަތްތައް ބޭނުންކުރާކަމަށް މީގެ ކުރިން އާންމުކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓުތަކުން ވެސް ހާމަވެއެވެ.

މިގޮތަށް ވަޒީފާ ދިނުން އެންމެ އާންމު ކުންފުނިތަކުގެ ތެރޭ ގެއްލުމުގައި ހިންގާ ފެނަކައާއި، ހިންގުން ދަށްވަމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި އެމްއޭސީއެލް، ސްޓެލްކޯ، އަދި އާރުޑީސީ ފަދަ ކުދިކުދި ކުންފުނިތައް ވެސް ހިމެނެއެވެ.