ކުޑަކުދިން އެކްސްޕްލޮއިޓްކޮށް، ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރަކު މިއަދު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރިހިދޯދި/ ގދ. ފިޔޯރީ، މޫސަލް މުޢީން (37އ) އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ، ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ކުއްޖާ ގުރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރުމާއި، ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުމުގެ އިތުރުން ކުޑަކުދިންނާއެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އޭނާ ވަނީ މިފަހުން ވަޒީފާއިން ވަކިކޮށްފައެވެ.

އޭނާއަކީ ޓީވީއެމްގެ ސީނިއާ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ، އަދި ކުޑަކުދިންގެ މެދުގައި މަގުބޫލު އެތައް ޓީވީ ޝޯތައް އޭނާ ވަނީ މިހާތަނަށް އުފައްދައިފައެވެ.

ފުލުހުން ބުނި ގޮތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ ކުޑަކުދިންނާ ގުޅޭ މިފަދަ މަންޒަރުތައް ގެންގުޅުމާއި ފެތުރުން ހިމެނޭހެން، އެ ކުދިންނާ ގުޅުންހުރި އެންމެހާ ކުށުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ މައްސަލަތަކެކެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކަމަށް ފުލުހުން ބުންޏެވެ.