10 Sep 2012, 13:15
ސިންގަޕޫރުގެ ބޮނަވިސްތާ އިން ގއ. ކޫއްޑޫގައި އެޅި އެއާޕޯޓް ކުލަ ގަދަ ރަސްމިއްޔާތަކާއެކު ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހުޅުވައިދެއްވައިފި އެވެ.
މިއަދު ހެނދުނު ރައީސް ވަހީދު ދަތުރުފުޅު ކުރެއްވި ފްލައިޓް ކޫއްޑޫއަށް ޖެއްސުމާއެކު އެއާޕޯޓްގެ ފަޔާލޮރީ ތަކުން ވަނީ އެމަނިކުފާނަށް ވޯޓާ ސެލިއުޓެއް އަރުވާފަ އެވެ. އޭގެ ފަހުން ރައީސް ވަހީދު ވަޑައިގެން ކޫއްޑޫ އެއާޕޯޓްގެ ނަން ބޯޑް ކައްސަވައި ދެއްވުމުން އެއާޕޯޓް ވަނީ ހުޅުވިފަ އެވެ. އެމަނިކުފާނު އެއާޕޯޓް ހުޅުވައި ދެއްވުމުން ގއ. އަޮޅުގެ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އެއާޕޯޓް ހުޅުވައިދެއްވުމަށްފަހު ރައީސް ވަހީދު ވިދާޅުވީ އޭވިއޭޝަން އިންޑަސްޓްރީއަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ އިންޑަސްޓްރީއެއް ކަމަށާއި ކޫއްޑޫގައި އެއާޕޯޓް ހުޅުވުމަކީ ގއ. އަތޮޅަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމަށް ހަރަކާތްތެރިވި ދިވެހި ކުންފުނި ކަމަށްވާ ކޭއެޗްއޭ ރިސޯޓް އެންޑް ހޮޓަލްސްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހަށާއި އެއާޕޯޓް ތަރައްގީ ކުރުމަށް އިންވެސްޓް ކުރި ބޮނެވިސްޓާ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ކޫއްޑޫ އެ އެއާޕޯޓްގެ ކޮންސްޓްރަކްޝަންގެ މަސައްކަތްކުރި ކޭއެޗްއޭ ރިސޯޓްސްގެ ސީއީއޯ މުހައްމަދު އަލީ ޖަނާހު ވިދާޅުވީ އިޖުތިމާއީ އަދި އިގްތިސާދީ މަސައްކަތްތަކުގައި ސިޔާސީ ކުލަ ނުޖައްސާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ކޫއްޑޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަކީ އެފަދަ މަސައްކަތެއް ކަމަށެވެ.
ސިންގަޕޫރުގެ ބޮނަވިސްޓާގެ މެނެޖިން ޑިރެކްޓާ ހެންރީ އެންގޯ ވިދާޅުވީ ކުރިއަށްއޮތް ތާނަގައި ގއ. ދިގުރަށުގައި 177 އެންދުގެ ރިސޯޓެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށާއި އެއާޕޯޓްގެ ސަބަބުން ގއ. ގެ ރައްޔިތުނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އެކިފަންތީގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އިރު ސިންގަޕޫރުގެ ބޮނަވިސްތާ ކުންފުނީގެ އިސްވެރިންނާއި ގއ. އަތޮޅުގެ ކައުންސިލް މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.
އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި ސަރުކާރާއި ސިންގަޕޫރުގެ ބޮނަވިސްތާއިން ސޮއިކޮށްފައި ވަނީ މި އަންނަ އަހަރުގެ ތެރޭގައި އެއާޕޯޓް ހުޅުވާ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެއާޕޯޓް ނިންމައި އެކުންފުނިން ދިވެހި ސަރުކަރާ ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ އެގްރިމެންޓްގައިވާ މުއްދަތުގެ 14 މަސް ކުރިންނެވެ.
ކޫއްޑުގެ އެއާޕޯޓް އެޅުމަށް އެކުންފުންޏަށް ދޫކުރީ އެއާޕޯޓާއެކު ގއ. ދިގުރުގައި ރިސޯޓެއް ތަރައްގީ ކުރާ ގޮތަށެވެ. އެރަށް ދީފައި ވަނީ 50 އަހަރަށެވެ. މިއަދު އެއަޕޯޓް ހުޅުވުމާއިއެކު ޝެޑިއުލް ދަތުރުތަށް ވެސް ވަނީ ފަށައިފަ އެވެ.