26 Mar 2026, 16:40
މަޝްހޫރު ވިޔަފާރިވެރިޔާ އަފި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ ތާއީދު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް އޮތްކަން ހާމަކުރައްވައިފިއެވެ.
ޤާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލު އެންޑޯޒްކޮށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.
ޤާސިމް ވަނީ މޫސާ ޢަލީ ޖަލީލަކީ، ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، މި ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް ކަމަށާއި މި ޤައުމުން އެމަނިކުފާނުގެ އަގު ވަޒަންކޮށް ޤައުމީ ޝަރަފް އަރުވާފައިވާ ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިއެއްކަން ފާހަގަކޮށްފައެވެ.
ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރުމަހު ތިނެއް ވަނަ ދުވަހު ދިވެހި ޤައުމަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން ޤައުމު ސަލާމަތް ކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު ސާބިތުކޮށްދޭ.ޖުމްހޫރީ ޕާޓީގެ ލީޑާރު ޤާސިމް އިބްރާހީމް
ޤާސިމް ވަނީ ޖަލީލަކީ އެއިރުއްސުރެ މިއަދާ ހަމަޔަށް، އަބަދުވެސް ޤައުމަށްޓަ ކައި ތައްޔާރަށް ހުންނެވި ބޭފުޅެއް ކަމަށާއި، ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބު ވެސް ޖަލީލު ތެދުވެރިކަމާއެކު އަދާކުރައްވާފައިވާކަން ފާހަގަކުރައްވައިފައެވެ.
"ފަސްބައިގައި ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ޚުލްޤު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަޚްޞިއްޔަތެއް،" ޤާސިމްގެ ޕޯސްޓުގައި ވެއެވެ.
ޤާސިމް ވަނީ ކަން މިހެން އޮތްއިރު، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަޤާމަށް ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ޚިދުމަތްތެރި، ޤާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން ވާކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން އޭނާ އެދެނީ، މާލެ ސިޓީގެ ހިންގުން މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދުކޮށްގެން ރައްޔިތުން ޖަލީލަށް ތާއީދުކުރައްވާ ވޯޓުދެއްވުމަށް އެދިފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ވެސް އެ ދުވަހު ނަގަން ނިންމާފައިވާއިރު ޤާސިމް ވަނީ މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާރު ކުރަން ލަސް ވެސް ވެއްޖެ ކަމެއްކަމަށް ވިދާޅުވެފައެވެ.