އޯލެވެލްގެ ގަދަ 10 އަކަށް ހޮވޭ ދަރިވަރުންނަށް ދޭން ގުޅީފަޅު އިންޑަސްޓްރިއަލް ޒޯން އިން ގަތް ލެޕްޓޮޕްތަކަކާއި އެ ކުންފުންޏާ ގުޅުން ހުރި މާލީ ހިސާބުތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

އޭސީސީ އަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ބުނެފައި ވަނީ 2011 ވަނަ އަހަރު އޯލެވެލްގެ ގަދަ ދިހަޔަކަށް ހޮވުނު ކުދިންނަށް ދިނުމަށް ގުޅީފަޅުގެ ބަޖެޓުން މެކްބުކްޕްރޯ ބްރޭންޑުގެ، 10 ލެޕްޓޮޕް ގަނެފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބައެއް ލެޕްޓޮޕްތައް އެ ކުދިންނާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.

އެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވާކަން ވަނީ އޭސީސީ އިން ވެސް ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ، އަދި މިހާރު ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް)ގެ އެމްޑީގެ މަގާމުގައި ވެސް ހުންނެވި މުހަންމަދު ލަތީފު އެ ލެޕްޓޮޕްތައް އެ ކުދިންނާ ހަވާލުކޮށްފައިވާ ކަމަށް ބުނި ކަމަށާއި ނަމަވެސް އޭގެ ފަހުން ބައެއް ލެޕްޓޮޕްތައް ހަވާލުނުކުރާ ކަމަށް އެއްބަސްވެ އޭގެތެރެ އިން ދެ ލެޕްޓޮޕެއް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް އޭސީސީ އަށް ހުށަހެޅި މައްސަލައިގައިވެ އެވެ.

"ހަވާލުކުރި ފަރާތުގެ ނަމާއި އެ ފަރާތްތަކާއި ހަވާލުކުރިކަން އެނގޭ ލިޔެކިއުންތައް ދެއްކުމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ނައުޝާދު ތަކުރާރުކޮށް އެބޭފުޅާ އަށް ދެންނެވުމުން ވެސް އެކަންކުރުމަށް އެބޭފުޅާ [ލަތީފު] ވަނީ ނުކުޅެދިފަ އެވެ... އަދި އެ ލެޕްޓޮޕްތަކަށް ކުންފުނީގެ އެކައުންޓުން ފައިސާ ނަގާފައިވާ އިރު އެ ލެޕްޓޮޕްތައް ހަވާލުކުރި ފަރާތްތަކަކީ ކޮބައިކަން އެނގޭކަށް ނެތެވެ،" މައްސަލަ ހުށަހެޅި ލިޔުމުގައިވެ އެވެ.

އަދި ކުންފުނީގެ މާލީ ބައެއް ލިޔެކިޔުންތައް ހަވާލުކުރުމަށް ލަތީފަށް އަންގާފައިވީ ނަމަވެސް އެ ލިޔެކިޔުންތައް އޭނާ އެ ކުންފުންޏާ ހަވާލުކޮށްފައި ނުވާ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ. އަދި ބުނެފައި ވަނީ އެ ލިޔުންތައް ހަވާލުވެސް ނުކޮށް އެ ކުންފުނީގެ ސެކްރެޓަރީ ކަމުން ވަކިވުމަށް ލަތީފު ހުށަހެޅުއްވި ކަމަށާއި ނަމަވެސް ގުޅީފަޅު އިންޑަސްޓްރިއަލް ޒޯންއިން އެކަން ބަލައި ނުގެންފައިވާ ކަމަށެވެ.

"ލަތީފަށް ވަޒީފާ އިން ވަކިވެވޭނީ ކުންފުނީގެ ފުރިހަމަ އޮޑިޓެއް ހިންގުމަށްފަހު ކަމަށް އެ ފަރާތަށް މިހާރު ވަނީ އަންގައިފަ އެވެ،" އޭސީސީއަށް ހުށަހެޅި ލިޔުންތަކުގައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ގުޅީފަޅު އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ނައުޝާދު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ ލެޕްޓޮޕްތަކުގެ މައްސަލަ އެ ކުންފުނިން ވެސް ބަލަމުން އަންނަ ކަމަށާއި އިންޓާނަލް އިންވެސްޓިގޭޝަންއެއް އެކަމުގައި ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ ކުންފުނީގެ ބައެއް ލިޔެކިޔުންތައް ވެސް ގެއްލިފައި އެބަހުރި ކަމަށާއި އެތަކެތި ރިކަވާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

"އިންވެސްޓިގޭޝަން ނިމުނީމާ އަޅުގަނޑުމެންނަށް އަދި އެނގޭނީ މީގައި ޒިންމާވައި ފަރާތްތައް ވެސް ނުވަތަ އެހެން ފަރާތްތައް ވެސް. މިކަމުގައި އަދި އިންޓާނަލް އިންވެސްޓިގޭޝަނެއް އަދި މި ހިނގަނީ،" ނައުޝާދު ވިދާޅުވި އެވެ.