ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ޓްވިޓާ އެކައުންޓް ރަސްމީކޮށް ޓުވިޓާގައި ވެރިފައިކޮށްފި އެވެ. މިއީ ރާއްޖޭގެ ކުންފުންޏެއްގެ ޓުއިޓާ އެކައުންޓެއް ވެރިފައި ކުރި ފުރަތަމަ ފަހަރެވެ.

"ވަތަނިއްޔާ މޯލްޑިވްސް" މިނަމުގައި ވަތަނިއްޔާއިން ބޭނުން ކުރަމުން އަންނަ ޓުވިޓާ އެކައުންޓްގައި ޓުވިޓާއިން ވަނީ ހެޔޮފާހަގަ ޖެހި ނޫކުލައިގެ ނިޝާނެއް ޖަހާފަ އެވެ.

ވަތަނިއްޔާއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ފުރިހަމަ ކުރުމަށް ކަމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ދެވޭ ހިދުމަތް އަވަސްވުމަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިދުމަތް ހޯދުމަށް ގިނަ ފަރާތްތަކަކުން އިސްކަންދޭ އެއް ސަބަބު ކަމުގައި ވަތަނިއްޔާއިން ބުންޏެވެ.

ވަތަނިއްޔާއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓުވިޓާ އެސްއެމްއެސް ހިދުމަތް ތައާރަފްކޮށްފަ އެވެ. އެގޮތުން މިހިދުމަތާއެކު ވަތަނިއްޔާގެ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޓުވިޓް ކުރެވެ އެވެ. މީގެއިތުރުން ވަތަނިއްޔާއިން ވަނީ މިއަހަރުގެ ކުރީ ކޮޅު ޓުވިޓާ އެމްއެމްއެސްގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.

ވަތަނިއްޔާގެ އެކައުންޓް ވެރިފައިކޮށްފައިވާއިރު މީގެކުރިން ޓުވިޓާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އެކައުންޓް ވެސް ވެރިފައި ކޮށްފަ އެވެ.

ޓުވިޓާ ވެރިފައިޑް އެކައުންޓް އާންމު ގޮތެއްގައި ލިބެނީ މަޝްހޫރު ޝަހުސިއްޔަތުންނަށެވެ. ޓުވިޓާގެ ވެރިފައިޑް ގައިޑްލައިން ބުނާ ގޮތުން ޓުވިޓާއިން އެކައުންޓެއް ވެރިފައި ކުރަނީ އެ އެކައުންޓަކީ އެމީހެއްގެ އެކައުންޓްކަން ޔަގީންކޮށްދިނުމަށެވެ.