ލަންކާ ބަލިކޮށް ނޭޕާލު ސެމީ ފައިނަލާ ގާތަށް
ލަންކާ ބަލިކޮށް ނޭޕާލު ސެމީ ފައިނަލާ ގާތަށް

ވިހި އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ސްރީ ލަންކާ ބަލިކޮށް ހޯދި ދެވަނަ މޮޅާއެކު ނޭޕާލުން ސެމީ ފައިނަލާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނޭޕާލް ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކަުންނެވެ.

ނޭޕާލުން ވަނީ މި މެޗު ފަށައިގެން ގިނަ އެޓޭކުތަކެއް ކޮށްފައެވެ. އެގޮތުން މި މެޗުގައި ނޭޕާލުން ގިނަ އެޓޭކުތަކެއް ކޮށްފައިވާއިރު، މެޗު ފަށައިގެން ވަރަށް ކުރީކޮޅު ނޭޕާލުން ދެ ހަމަލާއެއް އުފެއްދިއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނޭޕާލުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ސުބާާޝް ބަމްއެވެ.

ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފުގައި ނޭޕާލުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާ، މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ސުބާޝް ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއެވެ.

މިއީ މި މުބާރާތުގައި ނޭޕާލުގެ ދެވަނަ މޮޅެވެ. ފުރަތަމަ މެޗުގައި ނޭޕާލް ވަނީ ބޫޓާން ބަލިކޮށްފައެވެ. މި ދެ މޮޅާއެކު އެ ޓީމަށް ވަނީ ބޮޑު އެޑްވާންޓޭޖެއް ލިބިފައެވެ. ސެމީއަށް ދިއުމުގެ ބޮޑު ބާރަކާއެކު ނޭޕާލް އޮތްއިރު، މި ގްރޫޕުގައި މިރޭ ރާއްޖެއާ ބޫޓާން ކުޅޭ މެޗުން ގްރޫޕު އެތުރިފައިވާގޮތް ވަރަށް ބޮޑަށް ޔަގީންކުރެވޭނެއެވެ.

މިރޭ ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗު އެއްވަރުވެއްޖެ ނަމަވެސް ނޭޕާލަށް ސެމީ ޔަގީންވާނެއެވެ. އަދި ބޫޓާން މޮޅުވެއްޖެ ނަމަވެސް ނޭޕާލަށް ސެމީގެ ޖާގަ ލިބޭނެއެވެ.