25 Mar 2026, 19:34

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިހާރުގެ ހާލަތަށް ބަލައި، ޚަރަދު ކުރެވޭނެ ދާއިރާތަކާއި ބަޖެޓުން ރައްކާކުރެވޭނެ ދާއިރާތައް ބަލައި، އެކަމުގެ ޕްލޭނެއް ކުރިއަށް އޮތް ހަފުތާއެއް ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހާމަކުރައްވައިފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭން ޚަރަދުކުޑަ ކުރުމުގެ ފިޔަވަޅުތައް ނާޅާ ކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.
އެހެން އެކަން އޮއްވައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، އެ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ބަލަމުން އަންނަ ކަމަށެވެ.
އެ ކަމުގެ މަޝްވަރާތައް ފިނޭންސް މިނިސްޓްރީގެ ޓީމަކުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު --- ފޮޓޯ: ރައީސް އޮފީސް
ފައިނޭންސް ކުރެވޭނެ ކޮންމެވެސް މެކޭނިޒަމެއް ގެންނަން ޖެހޭނެ. ޓޯޓަލް ފައިނޭންސިން އެވެއިލަބަލް ވާނެ އަދަދަށް ވެސް ބަދަލު އަންނާނެ މިހާ ބޮޑު މާކެޓް ވޮލަޓިލަޓީއެއް އައިމާ. އެހެންވީމަ އެ ގޮތަށް ބަލާފައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ އަޅުގަނޑު ރައީސް އަރިހަށް ދާނަންފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ނަމަވެސް، ރައީސަށް ހުށަހަޅާ ޕްލޭނަކީ ފަހަރުގައި އާންމު ކުރެވިދާނެ އެއްޗެއް ނޫން ކަމަށާއި މުހިންމު ކަންކަން ހާމަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާހިރުންނާ ހަވާލާދީ، ޒަމީރު ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓާލި ކަމަށްވީ ނަމަވެސް އާންމު ހާލަތަކަށް ދާން އެންމެ މަދުވެގެން ހަތަރު މަސްވާނެއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ކޭޝް ފްލޯއަށް އަސަރުތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެހެންވެ، އެ ކަމަށް ސަމާލުވެ، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ މަސައްކަތްތައް ކުރާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
އެއް ކަމަކަށް ޒަމީރު ފާހަގަކުރެއްވީ، ބޭރަށް ކުރާ ދަތުރުތައް މިވަގުތަށް ހުއްޓާލައި، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ކުރަން ނޫނީ ހުއްދަ ނުދޭ ކަމެވެ. މިގޮތުން، އޮންލައިންކޮށް ކަންކަން ހަމަޖައްސަން މަޝްވަރާ ދެމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.