މާލެ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭ ގޮތް ހަދަނީ
މާލެ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭ ގޮތް ހަދަނީ

މާލެ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް، ދައުލަތުގެ ކުންފުނި އެސްޓީއޯއިން ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރު ތެރޭގައި، އެސްޓީއޯގެ ސަބްސިޑަރީ މޯލްޑިވް ގޭސްއިން ދެ ފަހަރެއްގެ މަތިން ގޭސް ކޮންޓްރޯލް ކޮށްގެން ވިއްކައިފައިވެއެވެ. އަދި ގިނަ ބަޔަކަށް މަދުން ގޭސް ލިބުމާއި، ގޭސް ލިބުން ލަސްވުމުގެ ޝަކުވާތައް ފާއިތުވި މަސްތަކުގައި އިތުރުވެފައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޒަމީރު މިއަދު ވިދާޅުވީ، ރާއްޖެއަށް ހަގީގަތުގައި ގޭހުގެ މާ ބޮޑު އުނދަގޫތަކެއް ނުވާ ކަމަށެވެ. އެގޮތުން ރާއްޖެއާއި ބަންގްލަދޭޝްއާއި ލަންކާއަށް ވެސް ގޭސް ސަޕްލައި ކުރަނީ އެއް ބަޔެއް ކަމަށާއި، މި ސަރަހްދުގައި ގޭސް އެއް ގައުމުން އަނެއް ގައުމަށް ގެންދަނީ ކަނޑުމަތީގައި އެއް ބޯޓުން އަނެއް ބޯޓަށް ބަދަލުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހިސާބުގަނޑުގައި މޫސުން ވެސް ހުންނަ ގޮތުން ޝިފްޓް ޓު ޝިޕް ޓްރާންސްފާ ކުރާނެ. ކުދި ވެސެލްތަކުގައި އާންމު ގޮތެއްގައި ގޭސް ޑިސްޗާޖް ކުރާނީ، އެކަން ކުރާއިރު ރާއްޖޭގެ ސަރަހައްދުގައި ގިނަ ފަހަރަށް ކުރާނީ. އެހެންވީމަ ރާއްޖޭގެ ސަރަހައްދުގައި އާންމުކޮށް ވަރަށް ގިނައިން އެބަހުރޭ ބޯޓުފަހަރު އައިސް،" ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު: މާލެ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭ ގޮތް ހަދާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އޭނާ ވިދާޅުވީ، އެސްޓީއޯއަށް މިހާރު ރައްކާ ކުރެވެނީ 1،000 ޓަނުގެ ގޭސް ކަމަށެވެ. ނަމަވެސް، އިތުރު 1،500 ޓަނުގެ ސްޓޯރޭޖް ގާއިމުކުރަން އެސްޓީއޯއިން މިހާރު މަސައްކަތް ކުރަމުން އަންނަކަން އަންގައިފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

އެ މަސައްކަތް މިހާރު އޮތީ ތަކެތި ހޯދުމުގެ މަރުހަލާގައި ކަމަށާއި، މި އަހަރު ނިމެންވާއިރަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރު އަޅުގަނޑުމެންނަށް ދެ މަހާއި ބައިގެ ސްޓޮކް ގެންގުޅެވޭނެ މާލެ ސަރަހައްދުގައި،" ޒަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގޭހުގެ ދަތިކަން ކޮންމެހެން ވެސް ފިލުވަން ޖެހޭ ކަމަށާއި، އެހެންވެ، ސަރުކާރުން ރާވައިގެން މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލާއި ގޭހުގެ ސަޕްލައިއަށް އައި ލޮޅުންތަކަކާ ގުޅިގެންނެވެ. ޚާއްސަކޮށް މެދުއިރުމަތީގެ މަސްރަހު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗޭނަށް ކުރިމަތިވި ހުރަސްތަކާއެކު، ރާއްޖެއަށް ގޭސް ގެނައުމުގައި ލަސްތަކެއް ދިމާވިއެވެ. މިކަމާ ގުޅިގެން، ސްޓޮކް އެއްކޮށް ހުސްވިޔަ ނުދީ ހިފެހެއްޓުމުގެ ގޮތުން މޯލްޑިވް ގޭސްއިން ވަނީ ވަގުތީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، 10 ކިލޯގެ ގޭސް ފުޅިއަށް އެންމެ ފަސް ކިލޯގެ ގޭސް އަޅައިގެން 100 ރުފިޔާއަށް ވިއްކުމަށް އެ ކުންފުނިން ނިންމިއެވެ.

މިދިޔަ ހޯމަ ދުވަހު އެސްޓީއޯއިން ވަނީ ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓް ލިބި، ގޭސް ލިބުމުގައި ދިމާވި ދަތިތައް އެއްކޮށް ހައްލުކޮށްފައިވާ ކަމަށް ބުނެފައެވެ.