10 Sep 2012, 10:46
ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް ހުއްޓުވާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ތައާރަފުކުރި އާސަންދަަ ނިޒާމުގެ ދަށުން ބޭސް ފަރުވާ ހޯދާ ފަރާތްތަކުގެ ޖީބަށް ލުއިތަކެއް ވެގެންދިޔަ އެވެ. ނަމަވެސް އާސަންދަ ނިޒާމުގެ ދަށުން ސިއްހީ ފަރުވާދޭން ފެށީއްސުރެ ތަފާތު އެކިއެކި މައްސަލަތަކާ ދިޔައީ ކުރިމަތިވަމުންނެވެ. އޭރު އެންމެ ބޮަޑަށް ދިމާވި އެއް މައްސަލައަކީ ކިރިޔާ ބޮލެއްގައި ރިހިލާއިރަށް ވެސް ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު ދެ ގުނައަށް އިތުރުވެ، ހަގީގަތުގައި ވެސް ބަލިވެގެން ޑޮކްޓަރަށް ފަރުވާ ހޯދަންދާ މީހުން އެތައް އިރަކު ކިއުގައި ތިބެން ޖެހުމެވެ. އެމައްސަލަ ހައްލުނުވެ އުޅެނިކޮށް ދެން ނުކުތީ އާސަންދަގެ ހަރަދު ދައުލަތުގެ ބަޖެޓަށް ނުކައިތައިގެން ނުކުންނަން ފެށި މައްސަލަ ހައްލުކުރަން ސަރުކާރަށް ޖެހުމެވެ.
ދިވެހިންގެ ހެލްތު އިންޝުއަރެންސްގެ ނަމުގައި ހިންގަން ފެށި އާސަންދަ ނިޒާމަކީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނާ ހިލާފަށް ހިންގަމުންދާ ނިޒާމެއް ކަމަށް ސަރުކާރުން ނިންމި އެވެ. އެއަށްފަހު އާސަންދަ ހިންގުމަށް ބޭނުންވާ ފައިސާ ނެތިގެން، ރައްޔިތުންގެ އަތުން ކޯޕޭމަންޓެއް ނެގުމަށް ހެލްތު މިނިސްޓްރީން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުމާ އެކު އާސަންދައިގެ މައްސަލަ އިތުރަށް ހޫނުވެގެން ދިޔަ އެވެ.
ރައްޔިތުންގެ އަތުން ފައިސާއެއް ނަގައިގެން އެ ނިޒާމު ހިންގުމަށް މަޖިލީހުގައި ތިއްބެވި ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ގެންދެވީ އެކަމާ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ.
އެމްޑީޕީގެ ޗެއާޕާޝަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވި ގޮތުގައި ރައްޔިތުން އަތުން ފައިސާ ނަގައިގެން އާސަންދަ ހިންގާ ކަމަށްވާނަމަ ރައްޔިތުން މަޖިލީސް ހިންގުމުގެ ފުރުސަތު ނުދީ އިހްތިޖާޖު ކުރާނެ އެވެ. އަދި އާސަންދަ ހިނގަން ބޭނުންވާ ވަރަށް ދައުލަތުގެ ބަޖެޓްގައި ފައިސާ ނެތް ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަން ވެސް އެމްޑީޕީން ދޮގު ކުރެ އެވެ.
އެމައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިގެން ދިއުމާ ގުޅިގެން އެމްޑީޕީގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެފައިވަނީ އާސަންދަ ފައިސާ ހުސްވެއްޖެ ކަމަށް ސަރުކާރަށް ބުނެވެން ނޯންނާނެ ކަމަށާއި 2012 ވަނަ އަހަރާއި ހަމަައަށް އެފައިސާ އެމްޑީޕީ ސަރުކާރުން ބަޖެޓްކޮށްފައިވާނެ ކަމަށެވެ. އާސަންދަ ހިންގުމަށް ބޭނުންވާ 700 މިލިއަން ރުފިޔާގެ އިތުރަށް ބޭނުންވާ 200 މިލިއަން ރުފިޔާ ވެސް ލިބޭނެ ގޮތް ހޯދައި ބަޖެޓްކޮށްފައި އޮންނާނެ، ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތަކާ އެކު ސަރުކާރުން ވަނީ އާސަންދައިގެ ދަށުން އަމިއްލަ ހޮސްޕިޓާތަކުންނާއި ކްލިނިކްތަކުން ސިއްހީ ފަރުވާ ހޯދާއިރު ހިދުމަތަށްއަރާ ޖުމްލަ އަގުގެ ވަކި ޕަސެންޓެއް ހިދުމަތް ހޯދާ ފަރާތުގެ އަތުން ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ. ސަރުކާރުން އާސަންދަ ނިޒާމަށް ގެނައި އެ ބަދަލާ އެކު ޑޮކްޓަރަށް ދެއްކުމުގެ ކަންތައްތައް ކުރިއަށް ވުރެ ފަސޭހަވެގެންދާނެ ކަމަށް ބެލެވުނެވެ.
އާސަންދައަށް އަލަށް ގެނައި އެ ބަދަލާއެކު ބައެއް ކްލިނިކްތަކުން ވެސް އާސަންދަ ހިދުމަތް ދޭން ފެށި އެވެ. ނަމަވެސް އޭގެ ދުވަސް ކޮޅެއްތެރޭގައި އަނެއްކާ ވެސް ހިދުމަތް ދޭން ފެށި ބައެއް ކްލިނިކްތަކުން އާސަންދަ ހިދުމަތް ދިނުން ހުއްޓައިލުމާ އެކު އިތުރު މައްސަލަތަކެއް އާސަންދަ ނިޒާމުގެ ތެރެއިން ނުކުތެވެ. އެގޮތުން އާސަންދަ ކުންފުނިން އާއްމުކުރި އަގު ލިސްޓާ މެދު ހިޔާލުތަފާތުވުންތައް އުފެދިގެން ދިޔަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލު ވިދާޅުވި ގޮތުގައި އާސަންދައިގެ ހިދުމަތް ފަށައިގަތް އިރު ހިދުމަތް ހޯދަން އަންނަ ފަރާތްތަކުން ދިގު ކިއުތަކުގައި ތިބެން ޖެހުމުން ގިނަ ޝަކުވާތަކެއް އަންނަމުން ދިޔަ ނަމަވެސް އާސަންދަ ސްކީމަށް އައި ބަދަލާ އެކު މިހާރު އެފަދަ ޝަކުވާތައް އަންނަ މިންވަރު ބޮޑުތަނުން ވަނީ މަދުވެފަ އެވެ.
"އާސަންދަ ފަދަ ސްކީމެއްގެ ދަށުން ހިދުމަތް ހޯދާ ފަރާތްތަކަށް އެހިދުމަތަކަށް އެ އިންޝުއަރެންސުން ސްކީމުން ކަވަރުކުރާ މިންވަރަށް ވުރެ ބޮޑު އަދަދެއް ދައްކަންޖެހުމަކީ ގަބޫލް ކުރެވޭނެ ކަމަށް ނުވާނެ. ސިއްހީ އިންޝުއަރެންސް ސްކީމެއްގެ ދަށުން ހިދުމަތް ހޯދާއިރު އެމީހެއްގެ އަތުންދާ މިންވަރު އެ ނިޒާމަކުން ކަވަރުކުރާ ވަރަށްވުރެ ބޮޑުވުމަކީ ބަލައިގެންނާނެ ކަމަށް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.
އާސަންދައިގެ ހިދުމަތް ދިނުމަށް އެންމެ ފުރަތަމަ ބުރުގައި ހަތް ކްލިނިކަކުން އެއްބަސްވެފައިވާއިރު އޭގެ ތެރެއިން އެހިދުމަތް ދޭން ފަށައިފައިވަނީ ހަތަރު ތަނަކުންނެވެ. ހިދުމަތް ދޭން ފެށި ކްލިނިކްތަކުގެ ތެރޭގައި އޭ އެސްއެލް މެޑިކަލް ސެންޓަރާއި ސިފައިންގެ މެޑިކަލް އައި ކެއާގެ އިތުރުން ސެންޓްރަލް ކްލިނިކް ހިމެނޭއިރު ސެންޓްރަލް ކްލިނިކުން ވަނީ އާސަންދައިގެ ހިދުމަތް ދިނުން މިދިޔަ ހަފްތާއިން ފެށިގެން ހުއްޓާލައިފަ އެވެ.
އާސަންދަ ކުންފުނީގެ ޖެނެރަލް މެނޭޖަރު ނިޔާޒު މުހައްމަދު ވިދާޅުވި ގޮތުގައި އާސަންދަ ހިދުމަތް ދޭން އެންސްޕާއާއެކު އެއްބަސްވި ބައެއް ކްލިނިކްތަކުން އަދި ހިދުމަތް ދޭން ފަށައިފައި ނުވަނީ އެ ކުންފުނިން އާއްމުކޮށްފައިވާ އާސަންދައިގެ އަގުތަކާ މެދު އިތުރަށް އެންސްޕާއާ އެކު މަޝްވަރާ ކުރުމުގެ ގޮތުނެވެ.
"ސްންޓްރަލް ކްލިނިކުން ވެސް ބޭނުންވަނީ އަގުތަކާ މެދު އެންސްޕާއާ އެކު އިތުރަށް މަޝްވަރާކުރަން،"
އާސަންދަ ނިޒާމު ތައާރަފްކުރީއްސުރެ މިއަދާ ހަމައަށް ވެސް އެނިޒާމުގެ ދަށުން އެންމެ އެކަށީގެންވާ ގޮތުގައި ހިދުމަތް ލިބެމުން ނުދަނީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އާސަންދަ ނިޒާމުން ހިދުމަތް ލިބެން ފެށުމުން އެއް ލައްކަ ރުފިޔާގެ އަގު ބޮޑު އައިޑީކާޑުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ކޮށްފައިނުވުމާއި ރައީސް ނަޝީދުގެ ސަރުކާރުން ކުއްލި ގޮތަކަށް އަވަސް އަރުވާލައިގެން ހިދުމަތް ތައާރަފްކުރުމާއި އާސަންދަ ނިޒާމަށް ދުރާލާ ހޭލުންތެރި ކުރެވިފައިނުވާތީ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ. ކޮންމެ ގޮތަކަށް ކަންކަން ހިނގާފައި ވިނަމަވެސް އާސަންދަ ނިޒާމުގެ ދަށުން ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ހިދުމަތް ދިނުމަށް އެނިޒާމު ހަމަޔަކަށް އަޅުވަން އެބަޖެހެ އެވެ. އާސަންދައިގެ ދަށުން ލިބޭ ބޭސް ފަރުވާއަކީ ރައްޔިތުންނަށް ލިބޭ ބޮޑު ތަކުލީފަކަށް ވެގެން ނުވާނެ އެވެ.