ވިލިނގިލީން: އަހުމަދު ސާއިލު އަލީ

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު އެއް ހަދިސާއަކީ ސުނާމީ ކާރިސާ އެވެ. އެތައް ބަޔެއްގެ ފުރާނަ ގެއްލިގެންދިޔަ އިރު އެތައް ބަޔަކު ދިރިއުޅުމަށް ކުރަމުން އައި މަސައްކަތްތަކާއި ބިނާކުރަމުން އައި ގަޑުވަރުތައް ވެސް ވަނީ ބިޔަ ރާޅުތަކުގައި ޖެހި ފުޑުފުޑުވެ މުޅީންހެން ނެތިގެން ގޮސްފަ އެވެ.

ސުނާމިގައި އެތައް ބަޔަކު ހާލުގައި ޖެހުނު އިރު އެމީހުންގެ ތެރެއިން ގިނަ މީހުން އަދިވެސް އުޅެމުންގެންދަނީ ވަރަށް ދަތި ހާލުގަ އެވެ. ސުނާމީ ހާދިސާ އަށް ބަރާބަރު އަށް އަހަރު ފާއިތުވީއިރު އެ ހާދިސާގައި ގެދޮރުގެއްލުނު ގއ. ވިނލިގިލީ ރައްޔިތުން އަދިވެސް ތިބީ ވަތުތީ ހިޔާތަކުގައި ދަތި ހާލުގަ އެވެ.

ސުނާމީގެ ކުރިން އާއިލާއާ އެކު އުފާވެރި ދިރިއުޅުމެއް އުޅެމުން ގެންދިޔަ ވިނލިގިލީ ބޮންތި، ސަފިއްޔާ ބުނީ އެ ހާދިސާ އަށް ފަހު އޭނާ ކުރިން އުޅެމުންއައި އުފާވެރި ދިރިއުޅުން މިހާރު މުޅިން ގަނޑުބަޑަށް ބަދަލުވެފައިވާ ކަމަށާއި މިހާރު ދިރިއުޅެމުންދަނީ ވަރަށް ދަތި އުނދަގޫ ހާލުގައި ކަމަށެވެ.

އެހަދިސާގައި އޭނާގެ އެއް އަހަރުގެ ދަރިފުޅު މަރުވެފައިވާ އިރު އެހަދިސާއަށް ފަހު ދިމާވި ނަފުސާނީ މައްސަލައިގައި އޭނާގެ ދޮށީދަރި ފުޅަކީ މިއަދު ބަލިކުއްޖެކެވެ. ސަފިއްޔާ ބުނީ އޭނާ މިހާރު ދިރިއުޅެމުންގެންދަނީ ވަރަށް ހާލުގައި ކަމަށާއި އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަމެއް ނެތުން ކަމަށެވެ.

"އަޅުގަނޑު މިގޭގައި ދިރިއުޅެމުން މިދަނީ އަޅުގަނޑުގެ ފިރިމީހަޔާއި ހަ ދަރިން، އެންމެން ނިދަންޖެހެނީ އެއްތާކު ވާރޭ ވެހިއްޖެއްޔާ ގޭތެރެއަށް ވާރޭ ވެހޭ މެންދުރު ހޫނުގަދަކަމުން ގޭތެރޭގައި ނޯވެވޭ، ހަގީގަތުގައި ކިޔައި ދިނުމަށް ވުރެ މިހާލު ތަޖުރިބާ ކުރާމީހަކަށް އެގޭނީ މިކަމުގައި ހުރިވޭނާ ކެކުޅުންް،" ސުނާމީގައި ގެދޮރު ގެއްލުމުން ގޭގޭ އެއްފަރާތުގައި ދަނގަޑުޓިނުން ކުޑަތަންކޮޅެއްް ހިޔާކޮށްލައިގެން ހަ ހަދަރިންނާއި ފިރިމީހާއާ އެކު ދިރިއުޅެމުންގެންދާ ސަފިއްޔާ ބުންޏެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހިނގި އެ ބިރުވެރި ހާދިސާގައި ވިނލިގިލީގެ 77 ގެ ވަނީ އެއްކޮށް ނެތިގެންގޮސްފަ އެވެ. އޭގެ ތެރެއިން އެއް ވެސް ފަރާތަކަށް މިހާތަނަށް ދާއިމީ ހިޔާވަހިކަމެއް ލިބިފައި ނުވާއިރު އެހާދިސާގައި ގެދޮރު ގެއްލުނު މީހުނަށް އަޅައިދެމުންގެން ދިޔަ ގެތައް ވަނީ ހުއްޓިފަ އެވެ.

ސުނާމީ ކާރިސާއަށް ފަހު ގެދޮރުގެއްލުނު އެއްބަޔަކު އަމިއްލަ ގޭގެގައި ވަގުތި ހިޔާތަށް ހަދައިގެން އުޅެމުންދާއިރު އަނެއް ބަޔަކު ދިރިއުޅެމުންދަނީ އަދިވެސް ސުނަމީއަށް ފަހު އެމީހުން ބަދަލުކުރި ވަގުތީ ހިޔާތަކުގަ އެވެ. އެ ހިޔާތަކުގައި މިހާރު ވެސް ހަތަރު އާއިލާއަކުންއުޅެމުން ދެ އެވެ. އެގޮތުން ކުޑަ ދެ ކޮޓަރިއަކާއި ބަދިގެއެެއް ހިމެނެގޮތަށް ހުންނަ އެ ހަތަރު އެފާޓް މަންޓުތަކުގައި ވިލިގިއްޔަށް ނިސްބަތްވާ 30 ވަރަކަށް މީހުން ދަނީ ދަތި ހާލުގައި ދިރިއުޅެމުންނެވެ.

"އަޅުގަނޑުމެން ދެމަފިރިން ނިދަންޖެހެނީ އަޅުގަނޑުމެންގެ ކޮއްކޮމެނާއި އެހެން އާއިލާމީހުނާއި އެއްތަނުގަ އެކުދިންގެ ތެރޭގައި އެބައުޅޭ 18 އަހަރުން މަތީގެ ކުދިން ވެސް ހަގީގަތުގައި ވަރަށް ހާލުގައި މިއުޅެނީ އަޅުގަނޑުމެން،" ވިނލިގިލީ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ އަންހެނަކު ބުންޏެވެ.

ވިނލިގިލީގެ ވަގުތީ ހިޔާތަކުގައި މިހާރު ވެސް ތިބި އެންމެން ވެސް އުންމީދު ތަކެއްގައި ދިރިއުޅުނަސް މިހާރު އެ އުންމީދުތަކުގެ މަތިން އެ މީހުން ހަދާނެއް ނުކުރެ އެވެ. އެމީހުންނަށް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ވެފައި އޮތީ ފެނުގެ މައްސަލައެވެ. "ވާރޭ ނުވެހި ދުވަސްކޮޅެއް ވެއްޖިއްޔާ މިތަނުން ފެނެއް ނުވެރޭނެ، ދުވައި ނުބައިވަހާއި ނުސާފަކަމުން ފެންކޮޅެއް ވަރާލުމަކީވެސް އުނދަގޫކަމެއް" ވަގުތީ ހިޔަލުގައި ދިރިއުޅެމުންދާ މީހަކު ބުންޏެވެ.

ވަގުތީ ހިޔާތައް ފެންނަނީވެސް ވީރާނާވަމުންދާތަނެވެ. ވާރޭ ހިޔާވުމަކީ އެ ވަގުތީ ހިޔާތަކުން މިއަދު އުނދަގޫ ކަމެކެވެ. ވާރޭ ވެހެންޔާ ޓިނު ފޫގޮސްފައި ހުރުމުން އެތެރެއަށް ވާރޭވެހެ އެވެ. އަވިދެންޏާ އޮންނަނީ އަވިވެސް ދީފަ އެވެ.

ސުނާމީގެ ހަދިސާގައި ހާލުގައި ޖެހިފައިވާ ރައްޔިތުނަށް އެހީތެރިވުމުގެގޮތުން ކުރިއަށްގެންދާ ޕުރޮޖެކްޓުގެ މަސައްކަތް މިއަހަރުގެ ކުރީ ކޮޅުން ފެށިގެން ހުއްޓިފައިވާ އިރު ގިނަގެގޭގެ މަސައްކަތް ހުއްޓިފައި ވަނީ އެގެގޭ ރާނާ ހިޔާވެސް ކޮށްފައިވަނިކޮށެވެ. ވިނލިގިލީ ކައުންސިލްގެ މެންބަރު ފާރޫގު މުހަންމަދު ވިދާޅުވީ ދާއިމީ ހިޔާތަކުގެ މަސައްކަތް މިހާރު އެކީއެކަށް ހުއްޓިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރި ފިލިޕީންސްކުންފުނިން އެ މަސައްކަތް ހުއްޓާލި ސަބަބެއް ބުނަން ނޭނގޭ ކަމަށެވެ.

"މަސައްކަތް ކުރަމުންގެންދިޔަ ކުންފުނިން މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފެނިވަޑައިގެންނާއި އަދި އެބޭފުޅުން މަސައްކަތް ކުރަމުންދިޔަ ސުޕީޑަށް ބަލާ އިރު ބަކީއޮތް މަސައްކަތްތައް އެ ބޭފުޅުނަށް ހުރި ފައިސާ އިން ކުރިއަށް ނުގެންދެވޭނެ ކަމަށް ލަފާކުރެވޭތީ ކަމަށް އަޅުގަނޑަށް ލަފާ ކުރެވެނީ މަސައްކަތް ހުއްޓާލީ" ކައުންސިލް މެންބަރު ފާރޫގް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ހުއްޓިފައިވާ އެޕުރޮޖެޗްޓްގެ މަސައްކަތް ހައުސިން މިނިސްޓްރީ އާއި ވާހަކަ ދައްކައިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ވަރަށް ކައިރި މުސްތަގުބަލެއްގައި އިތުރު ބަޔަަކާ ހަވަލުކޮށްގެން އެމަސައްކަތް ނިންމާލެވެނެކަމަށް އުންމީދު ކުރާ ކަމަށެވެ.

ވަގުތީ ހިޔާތަކުގައި ތިބި ވިލިގިލީ ރައްޔިތުންގެ އުންމީދުތައް ހުރީ އެ ވަގުތީ ހިޔާތަކާއި ގުޅިފަ އެވެ. އެ މީހުންގެ އުންމީދުގެ ހަމައެކަނި ހުޅުކޮޅަކީއެ އެވެ. ބައެއް ފަހަރު އުންމީދު ހުޅުކޮޅު ނިވި ކަންޏަށް ވިޔަސް އެ މީހުން އުންމީދުކުރަނީ ދާއިމީ ހިޔާވަހި ކަމެއް ލިބި އުފާވެރި ދިރިއުޅުމަކަށެވެ. ރެފިއުޖީންގެ ހާލަތުން އަރައިގަނެވޭނެ ވަގުތަކަށެވެ.