ދުނިޔޭގެ އެންމެ ބޮޑު ރިފައިނިން ކޮމްޕްލެކްސް ހިންގާ އިންޑިއާގެ ރިލަޔަންސް އިންޑަސްޓްރީސްއިން އީރާނުގެ ފަސް މިލިއަން ފީފާގެ ތެޔޮ ގަނެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ އިންޑިއާ ޓުޑޭއިން ރިޕޯޓުކުރީ، ތެޔޮ ގަނެފައި ވަނީ، އެމެރިކާއިން އީރާނުގެ ތެޔޮ ވިއްކުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތީ ގޮތުން އުވާލި ފަހުން ކަމަށެވެ.

ރިލަޔަންސްއިން ތެޔޮ ގަތީ ނޭޝަނަލް އިރާނިއަން އޮއިލް ކޯ އިން ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި މައިގަނޑު ގޮތެއްގައި އީރާނުގެ ތެޔޮ ގަންނަނީ ޗައިނާގެ ކުންފުނިތަކުންނެވެ.

އިރާނުގެ ތެޔޮ ވިއްކުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް 30 ދުވަހުގެ މުއްދަަތަށް އެެމެރިކާއިން އުވާލީ މިދިޔަ ހުކުރު ދުވަހެވެ.

ރިލަޔަންސްއިން އީރާނުގެ ތެޔޮ ގަނެފައި މިވަނީ ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އިންޑިއާއިން އީރާނުގެ ތެޔޮ ގަތުން 2019 ވަނަ އަހަރު މެއި މަހު ހުއްޓާލާފައި ވަނިކޮށެވެ. އީރާނުން ތެޔޮ ގަތުން އިންޑިއާއިން ހުއްޓާލީ އެމެރިކާއިން އީރާނުގެ ތެލަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ފަހުންނެވެ.

އިންޑިއާގެ ދައުލަތުގެ ކުންފުނިތައް ހިމެނޭ ގޮތަށް އޭޝިއާގެ އެހެން ކުންފުނިތަކުން އިރާނުން ތެޔޮ ގަނެވޭތޯ ބަލަމުންދާ ކަމަށްވެސް ބައެއް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް އޭޝިއާގެ އެންމެ އެންމެ ބޮޑު ތެޔޮ ކުންފުނި ސިނޮޕެކް އިން އީރާނުގެ ތެޔޮ ގަތުމުގެ ވިސްނުމެއް ނެތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދޭ ހަަމަލާތަކުގެ ރައްދުގައި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ ހަރްމޮޒް ކަނޑުއޮޅިން ދަތުރުކުރުމަށް ވަނީ ހުރަސް އަޅާފައެވެ. އޭގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައި އަގު އަންނަނީ އިންތިހާއަށް އުފުލެމުންނެވެ.