މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.

މި އަހަރުގެ ގައުމީ އިނާމު ދިނުމުގެ އުސޫލު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

ގައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށެވެ.

ރައީސް އޮފީހުން ވަނީ މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެ އޮފީހުގެ "ފޯމު ހުށަހެޅުން"http://apply.presidency.gov.mvޕޯޓަލް މެދުވެރިކޮށް ކަަމަށް ބުނެފައެވެ.

އަދި އިނާމަށް އެދި ފޯމު ހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން އެދޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި އަހަރުވެސް ޤައުމީ އިނާމަށް ހުޅުވާލީ މައިގަނޑު 39 ދާއިރާއަކުންނެވެ. މީގެ ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާޢަތް ފަދަ ތަންތަނުންނާއި ވިޔަފާރިތަކުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެށޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ރައީސް އޮފީހުން ބުނީ ޤައުމީ އިނާމު ދިނުމުގައި ވަކި ފަރުދުންގެ ޚިދުމަތުގެ މުއްދަތު ގުނުމަށް ހަމަޖެހިފައި ވަނީ، އެ މީހެއްގެ އުމުރުން 18 އަހަރު ފުރުމަށްފަހުގައި ކުރާ ޚިދުމަތަށް ކަމަށެވެ.

ޤައުމީ އިނާމުގައި ހިމެނެނީ ދެ ގިންތިއެއް ހިމެނޭއިރު، އެއީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ.

ޤައުމީ އިނާމު ދޭނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.