ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފެބްރުއަރީ 8، 2012ގައި އައްޑޫގައި ހުޅުޖެހި މައްސަލާގައި ދައުވާ ލިބޭ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި އައްޑޫ ސިޓީ ކައުންސިލަރު އަހުމަދު މިރުޒާދު ޗިޓް ރައްދު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓްގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ހުޅުޖެހި މައްސަލާގައި ޓެރެރިޒަމްގެ ދައުވާ އުފުލާ 40 މީހުންގެ ތެރެއިން މިއަދުގެ ޝަރީއަތަށް ހާޒިރުވެފައި ވަނީ 32 މީހުން ކަމަށެވެ. ކޯޓަށް ހާޒިރު ނުވާ ގިނަ މީހުންނަކީ ވަޒީފާގެ ގޮތުން ރަށުން ބޭރުގައި އުޅެން ޖެހިފައި ވުމާއި ޗިޓް ރައްދު ނުވެގެން ކޯޓަށް ހާޒިރު ނުވާ މީހުން ކަމަށެވެ.

އެ މީހުންގެ ތެރޭގައި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މެޓްރިކްސް މޯޑްއާއި ސިޓީ ކައުންސިލް މެންބަރު މިރުޒާދު ހިމެނިވަޑައިގަންނަވާ ކަމަށް މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލިސް މެންބަރު މެޓްރިކްސް މޯޑަށް މިއަދުގެ ޝަރީއަތަށް ޗިޓް ރައްދު ނުވީ މަޖިލީހުގެ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރުގައި އުޅުއްވާތީ ކަމަށެވެ. ނަމަވެސް މިރުޒާދު އަށް ޗިޓް ރައްދު ކުރަން ގެއަށް ދިއުމުން އާއިލާއިން ޗިޓާ ހަވާލު ނުވި ކަމަށެވެ. އާއިލާ އިން ބުނީ "މިރުޒާދު އުޅޭ ތަނެއް ވެސް އަދި ގުޅޭނެ ނަންބަރެއްވެސް ނޭނގޭ" ކަމަށެވެ.

"އަޅުގަނޑުމެން އެހެން މައްސަލަތަކުގައި ވެސް ބޭފުޅުން ވެސް ކޯޓަށް ހާޒިރު ކުރާ އުސޫލުން އެ ދެ ބޭފުޅުން ވެސް ކޯޓަށް ހާޒިރު ކުރާނަން. އަދި ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ ވެސް އެކަން ވެސް ކޮށްގެން ހާޒިރުކުރާނަން،" މަނިކު ވިދާޅުވި އެވެ.

ހުޅުޖެހި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން މިއަދު ކޯޓަށް ހާޒިރުވި 32 މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓްގައި ކުރިއަށް ގެންދަނީ ވަކިވަކިނެވެ. ހުޅުޖެހި މައްސަލައިގެ ޝަރީއަތަށް ކޯޓަށް ހާޒިރު ކުރި މީހުންނާ އެކު ކްރިމިނަލް ކޯޓް ވަނީ ތޮއްޖެހިފަ އެވެ. 12 ފޫޓް 13 ފޫޓްގެ ކޯޓް ރޫމުގެ ޝަރީއަތް މިއަދު ވައްދަނީ ފަހަރުކު ދެ ތިން ހަތަރު މީހެކެވެ.