އީރާނާ ދެކޮޅަށް އެމެރިކާއާ އިސްރާއީލުން ދޭ ހަމަލާތަކުގައި ބައިވެރިނުވާ އަދި ވާގިވެެރިނުވާ ގައުމުތަކުގެ އުޅަނދުތަަކަށް ހުރްމޮޒް ކަނޑުއޮޅި ހުރަސްކުރެވޭނެކަން އީރާނުން ރަސްމީކޮށް އަންގާފައިވާ ކަމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އިން ބުނެފިއެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލާއި ލިކުއިފައިޑް ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު، ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރާ ޝިޕްމަންޓްތައް ހުއްޓި، ތެލުގެ ސަޕްލައިއަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ.

އީރާނުން އައިއެމްއޯއަށް ފޮނުވި ސިޓީގައި އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ ދުޝްމަނު ނޫން އުޅަނދުތަކުން އީރާނާ ދެކޮޅަށް ހިންގާ އުދުވާނީ ހަމަލާތަކުގައި ބައިވެރިނުވާ އަދި އެފަދަ ކަންކަމަށް ވާގިވެރިނުވާނަމަ އަދި ކަނޑައެޅިފައިވާ ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާނަމަ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އީރާނާ ދެކޮޅަށް ޢަދާވާތްތެރި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ދުޝްމަނުންނާއި އެމީހުންނަށް ތާއީދުކުރާ މީހުން ހުރްމުޒް ކަނޑުއޮޅި ބޭނުން ނުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

ހޮރްމުޒް ކަނޑުއޮޅި ދިފާއު ކުރުމަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ހުއްދަ ދޭ ގަރާރެއް ސަލާމަތީ މަޖިލީހުން މި ހަފުތާތެރޭ ބަލާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެެވެ.

އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ޕްރެޝާ ކުރުމަށް ކަނޑުއޮޅި ބަންދު ކުރާނެ ކަމަށް އީރާނުގެ އާ ލީޑަރު އާޔަތުالله މޮޖްތާބާ ޚާމަނާއީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަނޑުއޮޅި ހުޅުވުމަށް އެމެރިކާ ސިފައިންނަށް އެހީތެރިވުމަށް އެކުވެރި ގައުމުތަކަށް ގޮވާލައްވާފައެވެ. ނަމަވެސް އެކަމަށް އެއްވެސް ގައުމަކުން އިޖާބަދީފައެއް ނުވެއެވެ.

އީރާނުން ތުހުމަތުކުރާ ގޮތުގައި، ކަނޑުއޮޅީގެ ސަރަހައްދުގެ ނުތަނަވަސްކަމާއި ސަލާމަތީ ނުރައްކާތަކުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރާ އެމެރިކާއާއި އިސްރާއީލުންނެވެ.