ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ޕޯސްޓަރުތައް ސަރުކާރުން ނެގިޔަސް، އޭނާއަށް ރައްޔިތުންގެ ހިތްތަކުގައިވާ ލޯބި ނުކެނޑޭނެ ކަމަށް އާޒިމް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވާދަކުރާ ބައެއް ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުން ދިނުމާއި، ޕޯސްޓަރުތައް ނެގުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.

އެ މައްސަލަތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އާޒިމް ވިދާޅުވީ، މާލޭގައި ހުއްދަ ނަގައިގެން ހަރުކޮށްފައި ހުރި އޭނާގެ ކެމްޕޭން ބިލްބޯޑެއް ވެސް، ސަރުކާރުން އެކްސްކަވޭޓަރު ބޭނުންކޮށްގެން ނަގައި ހަލާކުކޮށްލައިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، އިންތިޚާބަށް ހައެއްކަ ދުވަހަށް ވެފައި ވަނިކޮށް، ބޮޑުތަކުރުފާނު މަގުގައި ހުރި ބޮޑު ޕޯސްޓަރު ސަރުކާރުން ނަގާފައިވަނީ ފްރޭމްގަނޑު އިރާލައިގެންކަމަށެވެ.

ޕޯސްޓަރުތައް ނެގިދާނެ، ރައްޔިތުންގެ ހިތުގައި އޮތް ލޯތްބެއް، ކޮށްދީފައިވާ ޚިދުމަތުގެ އަގެއް ނުފިލާނެ.މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މީގެ އިތުރުން، ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތަށް ތައްޔާރުވަމުންދަނީ ނަސަންދުރަ ސަރަހައްދުގައި ކަމަށްވާއިރު، ތަރައްގީގެ އެފަދަ މަސައްކަތްތައް ކުރިއަށްގެންދާއިރު ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އެކަށީގެންވާ ވަގުތު ދީގެން، ތަކެއްޗަށް ގެއްލުން ނުވާނެހެން ކަންކަން ކުރެވޭނެ އިންތިޒާމެއް އޮންނަންޖެހޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ޚާއްސަކޮށް ނަސަންދުރަ ކުރިމަތީގައި މަސައްކަތް ކުރިއަށްދާއިރު، ބީއެމްއެލް ކުރިމަތީގައި ހުރި އެއްޗެއް ހަލާކުކޮށްލައިގެން ނެގުމަކީ ވަރަށް ހިތާމަވެރި ކަމެއްގެ ގޮތުގައި މޭޔަރު ވަނީ ސިފަކުރައްވާފައެވެ.

މީގެ ކުރީން، ހުޅުމާލޭގައި ހަރުކޮށްފައި ހުރި އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ޕޯސްޓަރުތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނެގި މައްސަލައެއް ފެންމަތިވެފައެވެ.

އެޗްޑީސީން އޭރު ވަނީ، ޕޯސްޓަރުތައް ނެގީ ހުއްދަ ނުހޯދައި ހަރުކޮށްފައި ހުރުމުން ކަމަށް ބުނެފައެވެ.

ކައުންސިލް އިންތިޚާބަށް ވާދަވެރިކަން ބޮޑުވެފައިވާއިރު، އެ އިންތިޚާބު ބާއްވާނީ އަންނަ މަހުގެ ހަތަރެއްގައެވެ.