10 Sep 2012, 09:40
މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް ބާއްވާ ހެވިކަމާއި ކުޅިވަރުތައް ރޭ ބާއްވައިފި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް މާލޭގައި ބާއްވަމުން އަންނަ ހެވިކަމާއި ކުޅިވަރުގެ ތަފާތު އައިޓަމްތައް ބައްލަވައިލެއްވުމަށް ރޭ 8:30ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިން ރަސްމީ ބޯޅަ ދަނޑަށް ވަޑައިގަތުމުން ސިފައިން ވަނީ އެ މަނިކުފާނަށް ރިޔާސީ ކުރުނީސް ކުރައްވައިފަ އެވެ.
ރިޔާސީ ކުރުނީހަށް ފަހު ސިފައިންނާއި ސްކޫލްތަކުން ހޮވާލެވިފައިވާ ބޭންޑުގައި ގައުމީ ސަލާމް ކުޅެވުނެވެ. ގައުމީ ސަލާމަށް ފަހު ސިފައިންގެ ލަޝްކަރުގެ މެހެތަރު، ރައީސް ވަހީދުގެ ކުރިފުޅުމައްޗަށް ހުއްޓި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުމާއި ކުޅިވަރު ފެއްޓުމުގެ ހުއްދައަށް އެދި އެމަނިކުފާނުގެ އަރިހުގައި އަދަބުވެރިކަމާ އެކު ދެންނެވި އެވެ. މިނިވަން ދުވަހުގެ މުނާސަބާގައި ރޭ ބޭއްވި ކުޅިވަރުތައް ފެށިގެން ދިޔައީ އެ ކުޅިވަރުތައް ފެށުމުގެ ހުއްދަ ރައީސް ވަހީދު ދެއްވުމުން ނެވެ.
މިނިސްޓަރުންނާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންގެ އިތުރުން ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އާއްމުންގެ ގިނަ ބަޔަކު ކުޅިބެލުމަށް ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގެންނެވި މިރަސްމިއްޔާތުގައި ފެނިގެން ދިޔަ ކުޅިވަރުތަކުގެ ތެރޭގައި އަނދިރި އަނދިރިންގެ ކިބައިން މުހައްމަދު ތަކުރުފާނު ރާއްޖެ މިނިވަން ކުރި ގޮތް ދައްކުވައިދޭ ތަމްސީލަކާއި ސަގާފީ ކުޅިވަރުތަކާއި ތަފާތު ނެށުންތައް ވެސް ފެނިގެން ދިޔަ އެވެ.
ރޭގެ ކުޅިވަރުތަކުގައި ބައިވެރިވެފައި ވަނީ އަމީނިއްޔާ ސްކޫލާއި ވިލިމާލެ، މުހްޔުއްދީން ސްކޫލާއި ސީއެޗްއެސްސީ އާއި އެމްއެންޑީއެފްގެ ހުނަރުވެރި ފަންނާނުންނެވެ.
ރޭގެ ކުޅިވަރުތައް ނިންމާލާފައި ވަނީ ސިފައިންނާއި ސްކޫލްތަކުން ހޮވާލެވިފައިވާ ބޭންޑުގެ ކުޅަދާނަ ފަންނުވެރިންގެ އިކްއިޕްމެންޓަތަކުން ވިރުވާ އަޅަމުން ދިޔަ ގައުމީ ސަލާމުން ނެވެ.