10 Sep 2012, 09:27
ބަޣްދާދު (ސެޕްޓެމްބަރ 10: ތިން މީހަކު މެރުމުގައި ބައިވެރިވިކަމާއި ޓެރަރިސްޓް ގޭންގެއް ހިންގުމުގެ ކުށް ސާބިތުވެގެން ޢިރާޤުގެ ނައިބު ރައީސް ތާރިޤުލްހާޝިމީގެ މައްޗަށް އެ ޤައުމުގެ ކޯޓަކުން އިއްވި ދަންޖައްސައި މަރުމުގެ ޙުކުމަކީ ސިޔާސީ ޙުކުމެއް ކަމަށް އޭނާގެ ވަކީލުންގެ ޓީމުގެ ވެރިޔާ މުއައްޔިދުލްޢައްޒީ ސިފަކުރައްވައިފި އެވެ.
އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި މުއައްޔިދު ވިދާޅުވީ ތާރިގުލްހާޝިމީގެ މައްޗަށް ޢިރާގުގެ ޖިނާއީކަންތައްތަކާބެހޭ ފެޑްރަލް ކޯޓަކުން އިއްޔެ އިއްވި މަރުމުގެ ޙުކުމަކީ 100 ޕަސެންޓް ސިޔާސީ ޙުކުމެއް ކަމަށާއި އެއީ ޤާނޫނީ ބުރަދަނެއްހުރި ޙުކުމެއް ނޫންކަމުގަ އެވެ.
އަލްޙާޝިމީގެ މައްޗަށް ސާބިތުވެފައި ވަނީ ޤާނޫނީ ވަކީލާއެއް ކަމަށްވާ ސިހާމް އިސްމާއީލް އާއި އޭނާގެ ފިރިމީހާ ތާލިބް ބްލާސިމްގެ އިތުރުން ޢިރާޤުގެ ނެޝަނަލް ސެކިއުރިޓީއާ ބެހޭ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މަރާލިކަމުގެ ކަމުގެ ކުށެވެ. އަލްހާޝިމީގެ މިޖަރީމާގައި އޭނާގެ އޮފީހުގެ ދެމުވައްޒަފުން ކަމަށްވާ އަޙްމަދު ބަކްރާއި އަޙްމަދު ޤަޙްތާން ބައިވެރިވާކަން ސާބިތުވާތީ އެ ދެ މީހުން ވެސް ދަންޖައްސައިގެން މެރުމަށް ޢިރާޤުގެ ޖިނާއީކަންތައްތަކާ ބެހޭ ފެޑްރަލް ކޯޓަކުން އިއްޔެ ޙުކުމް އިއްވާފައިވެ އެވެ. އަހްމަދު ބަކްރަކީ އަލްހާޝިމީގެ ޕާސަނަލް ސެކްރެޓަރީ އެވެ. އަހްމަދު ޤަހްތާން އަކީ އަލްހާޝިމީގެ ޅިޔަނެކެވެ.
މިތިން މީހުން މެރުމުގެ މައްސަލައިގެ އިތުރުން ޢިރާޤުގެ ސިޔާސީ މީހުންނާއި ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިން މެރުމުގައި ޙަރާކާތްތެރިވާ ޓެރަރިސްޓް ގޭންގެއް އުފައްދައި އެ ގޭންގް އޮޕަރޭޓްކުރުމުގެ ކުށް ވެސް އަލްހާޝިމީގެ މައްޗަށް ވަނީ ކޯޓުގައި ސާބިތުވެފަ އެވެ. ޢިރާޤުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިމައްސަލަތަކުގެ ދައްވާ ޢިރާޤުގެ ޖިނާއީ ކޯޓަށް ހުށަހެޅުމާ އެކު އަލްހާޝިމީ ވަނީ ޤައުމުން ފިއްލަވައިގެން ތުރުކީއަށް ވަޑައިގެންފަ އެވެ. މިއާއެކު އަލްހާޝިމީ ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަޤްވާމީ ފުލުހުންގެ ޖަމާއަތްކަމަށްވާ އެންޓަޕޯލުން ވެސްވަނީ ނެރެ ފައެވެ. ނަމަވެސް ތުރުކީން އޭނާ ހައްޔަރުކޮށްފައެއްނުވެ އެވެ.
އަލްހާޝީމީގެ މައްޗަށް މަރުގެ ޙުކުމް އިއްވުމާ އެކު އޭނާ ވަނީ ތުރުކީގެ ޚާރިޖީ ވަޒީރު އަޙްމަދު ދާވޫދާ ބައްދަލުކުރައްވާފަ އެވެ. އަލްހާޝިމީގެ މައްޗަށް އިއްވި މަރުގެ ޙުކުމަކީ އެންމެ ފަހުގެ ހުކުމެއްނޫނެވެ. މިޙުކުމް އިސްތިއްނާފް ކުރުމުގެ ފުރްސަތު އޭނާއަށް އެބައޮތެވެ. (އަލްޖަޒީރާ)