ނޮކިޔާގެ ސްމާޓްފޯނު އިޝްތިހާރު ކުރުމުގައި، ނޮކިޔާގެ ސްމާޓްފޯނަކުން ނަގައިފައިވާ ވީޑިއޯއެއް ކަމަށް ބުނާ ވީޑިޔޯ އަކީ އެހެން ވަސީލަތެއް ބޭނުން ކޮށްގެން ނަގައިފައި ވާ ވީޑިޔޯއެއް ކަން ހާމަ ވުމުން ނޮކިޔާއިން މާފަށް އެދިއްޖެއެވެ.

މި ވީޑިޔޯ އަކީ ނޮކިޔާގެ ސްމާޓްފޯނަކުން ނަގައިފައިވާ ވީޑިޔޯއެއް ނޫން ކަން އެންމެ ފުރަތަމަ ހާމަ ކޮށްފައި ވަނީ ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައެވެ. އެ ވެބްސައިޓުގައި ވާ ގޮތުން އެފަރާތަށް އެކަން ފާހަގަ ކުރެވުނީ އެ ވީޑިޔޯއިން ފެންނަ ކުޑަދޮރެއްގެ ބިއްލޫރިގަނޑުން ކެމެރާމަން ފެންނަން ހުންނަ އިރު، އޭނާގެ އަތުގައި ފޯނެއް ނެތީމައެވެ. އަދި ބިއްލޫރިގަނޑުން ފެންނަ މަންޒަރުން އެނގޭ ގޮތުގައި ނޮކިޔާގެ ސްމާޓްފޯނުގެ ވީޑިޔޯ ކޮލިޓީ ދައްކައިދޭ މި އިޝްތިހާރު ހަދާން ބޭނުން ކޮށްފައި ވަނީ އެސް.އެލް.އާރް ކެމެރާއެކެވެ.

މި ޚަބަރު ފެތުރުމަކީ ނޮކިޔާގެ "ލުމިޔާ 920" ފޯނު ނެރޭ އިރު މީހުންގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ސަބަބެކެވެ. ފިންލޭންޑުގެ ފޯނު ކުންފުނި ނޮކިޔާގެ ހިއްސާތަކުގެ އަގު ވެސް ވަނީ މިކަމުގެ ސަބަބުން ވެއްޓިފައެވެ.

އިޝްތިހާރުން ދައްކަނީ މީހަކު އޭނާގެ ހިޔަމިތުރުގެ ވީޑިޔޯއެއް ސްމާޓްފޯނު ބޭނުން ކޮށްގެން ނަގާ ތަނެވެ. އަދި ނޮކިޔާގެ "އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން" ފީޗަރ އޮން ކޮށް އޮފް ކުރާ ތަން ވެސް ދައްކައެވެ. މި އިޝްތިހާރުގައި ދޭން ބޭނުން ވި މެސެޖަކީ ނޮކިޔާގެ އައު ޓެކްނޮލޮޖީ އަކީ މަންޒަރުތައް ފުސްވާފުސްވުމަށް އޮތް ހައްލެއް ކަމެވެ. އަދި ލުމިޔާ 920 އަކީ ފޮޓޯ އާއި ވީޑިޔޯއަށް ބަލާއިރު މިހާރު ބާޒާރުގައި ލިބޭން ހުރި އެންމެ ފެންވަރު ރަނގަޅު ސްމާޓްފޯން ކަމެވެ. އެހެން ނަމަވެސް ފޯނުން ނެގި ކަމަށް ބުނާ ވީޑިޔޯއަކީ ވީޑިޔޯ ކެމެރާއަކުން ނެގުމަށް ފަހު އެޑިޓް ކޮށްފައިވާ ވީޑިއޯއެއް ކަން އެނގުމުން ނޮކިޔާއަށް ވަނީ މާފަށް އެދޭން މަޖްބޫރުވެފައެވެ.