03 Sep 2010, 09:44
14:45
ޕްރުކްސާ އެޗްޑީސީ ހައުސިން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ފަށާފައިވާ ކޮރަލްވިލް ހައުސިން މަޝްރޫއުގެ މަސައްކަތުގެ މެއިން ކޮންޓްރެކްޓަރާއެކު ޖެހުނު ފައިސާގެ މައްސަލަތައް އަދިވެސް ހައްލުނުވާ ކަމަށް ސަބް ކޮންޓްރެކްޓަރ ޖަވާޒު ކޮންސްޓްރަކްޝަނުން ބުނެފި އެވެ.
ކޮރަލް ވިލް މަޝްރޫއުގެ މެއިން ކޮންޓްރެކްޓަރ ކަމުގައިވާ ތައިލެންޑްގެ ކޭސޯން ކޮންސްޓްރަކްޝަނާއި ޖަވާޒު ކޮންސްޓްރަކްޝަނާ ދެމެދު ފައިސާގެ މައްސަލަތަކެއް ފެންމަތިވެފައި މިވަނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.
ޖަވާޒް ކޮންސްޓްރަކްޝަނުން ބުނަމުންދަނީ، އެ ކުންފުނިން ކޮށްފައިވާ މަސައްކަތުގެ އަގަށްވާ ފަސް ލައްކަ ހަތްހާސް ދުއިސައްތަ ތިން ޑޮލަރު ކޭސޯން ކޮންސްޓްރަކްޝަންގެ ފަރާތުން އަދިވެސް ނުލިބިވާ ކަމަށެވެ. ނަމަވެސް، ކޭސޯން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުންފުނިން ޖަވާޒް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރި ހުރިހާ މަސައްކަތަކަށް މިހާރު ވަނީ ފައިސާ ދައްކާފައި ކަމަށެވެ. އަދި ޖަވާޒް ކޮންސްޓްރަކްޝަނުން ނުދޭ ކަމަށް ބުނާ އެ ފައިސާ އަކީ، އެ ކުންފުންޏާ ހަވާލު ނުކުރާ މަސައްކަތްތަކެއް ކުރިޔަށް ގެންގޮސްގެން ހިނގާފައިވާ ޚަރަދުތަކެއް ކަމަށާއި އެ މަސައްކަތަށް ކޭސޯން އިން ފައިސާ ދައްކަން ޖެހޭނެ ކަމަށް ބުނެ ޖަވާޒް އިން ދައްކަމުންދާ ވާހަކަތައް ގަބޫލުނުކުރާ ކަމަށެވެ.
އެހެން ނަމަވެސް، ޖަވާޒު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަލީ ވިދާޅުވީ، އެކުންފުނިން މަސައްކަތްކުރީ ކޭސޯން އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކަމަށާއި އެފަރާތުން ނުބުނާ މަސައްކަތެއް ކުންފުނިން ކޮށްފައި ނޯންނާނެ ކަމަށެވެ. އަދި މި މައްސަލަ ހޫނުވީ، ކޭސޯންގެ ފަރާތުން ފައިސާ ނުލިބުމުގެ ސަބަބުން ޖަވާޒް ކޮންސްޓްރަކްޝަނަށް ސަޕްލައިކޮށްދިން ފަރާތްތަކަށް އެކުންފުނިން ދައްކަންޖެހޭ ތިން ލައްކައަށްވުރެ ގިނަ ޑޮލަރު އަދިވެސް ނުދެއްކި ވާތީ، އެ ސަޕްލަޔަރުން ޝަކުވާކުރަން ފެށުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސަޕްލަޔަރުން އެޗްޑީސީއަށް މި މައްސަލަ ހުށަހެޅުމުން، އެެއްވެސް ބެލުމެއް ނެތި، ޖަވާޒް ކޮންސްޓްރަކްޝަނުގެ ފަރާތުން އެ ކޮންޓްރެކްޓް ނަގައި އެހެން ބަޔަކާ ހަވާލުކުރާނެ ކަމުގެ އިންޒާރު އެޗްޑީސީގެ ފަރާތުން ދީ، މެއިން ކޮންޓްރެކްޓަރަ ގުޅިގެން މައްސަތްތަކަށް ކުއްލިއަކަށް ހުއްޓުވާލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މި މަޝްރޫގެ މަސައްކަތްކޮށްގެން ޖަވާޒަށް ލިބުނު ފައިސާ އަށް ވުރެ، މިހާތަނަށް ސަޕްލަޔަރުންނަށް ޚަރަދުކުރެވުނު ފައިސާގެ އަދަދުވެސް އެއް މިލިއަނަށްވުރެ އިތުރު ކަމަށް އެނާ ވިދާޅުވި އެވެ. އެހެންކަމުން މިފަދަ ބޮޑު ފައިސާގެ މައްސަލަތަކެއް ނުލިބިވަނިކޮށް، ކުއްލިއަކަށް ކޮންޓްރެކްޓް ބާތިލުކުރުމަށް އެޗްޑީސީން ދިން އިންޒާރާމެދު ހިތާކުރާ ކަމަށާއި އެތައް ބަޔެއްގެ ހައްގުތައް ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަވާޒު ކުންފުންޏަށް ލިބެންވާ ފައިސާ ނުލިބެނީސް، ކޮރަލް ވިލްގެ ފްލެޓްތައް އަޅަމުންދާ ސައިޓު ދޫކޮށް ދިއުމަށް އެކުންފުނިން ވަނީ މިހާރު ދެކޮޅު ވެސް ހަދައިފަ އެވެ. އަދި ލޭބަރުންނާއި މެޝިނަރީވެސް ނުނެރޭނެ ކަމަށް އެ ފަރާތުން ބުނެ އެވެ.
ނަމަވެސް، ކޭސޯންގެ ފަރާތުން ވަނީ މިކަމާމެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ. އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސަޕްލަޔަރުންނާއި އަދި ޖަވާޒު ކޮންސްޓްރަކްޝާއެކު ބޭއްވުނު ބައްދަލުވުމަށްފަހު، ޖަވާޒުގެ މައްސަލަ ލިޔުމަކުން ހުށަހެޅަން ބުނެފައިވާނެ ކަމަށާއި، އެ މައްސަލައަށް ރަސްމީ ޖަވާބެއް ދޭނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.