އަންނަ ހަފްތާގައި ފިލްމު "ދަބަން 2" ގެ ޝޫޓިން އުއްތަރު ޕްރަދޭޝްގައި ފެށޭނެ ކަމަށް އަރްބާޒް ޚާން ޕްރޮޑަކްޝަނުން ބުނެފިއެވެ. އެކްޝަނާއި ހެއްވާ ބައި ހިމެނޭ މި ފިލްމު ޝޫޓު ކުރުމުގެ ހުއްދަ މިހާރު ލިބިފައި ވާ ކަމަށް ވެސް އަރްބާޒް ޚާން ޕްރޮޑަކްޝަނުން ބުނެއެވެ.

މި ފިލްމުގެ މައިގަނޑު މަންޒަރުތައް ނަގާނީ ލަކަނޫ އާއި ކާންޕޫރުގައި ކަމަށް ޚަބަރު ލިބެއެވެ. ކުރިން ހަމަ ޖެހިފައި އޮތް ގޮތުން ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދާން ހަމަ ޖެހިފައި އޮތީ ސެޕްޓެންބަރު މަހުގެ 9 އިން 14 އަށެވެ.

މުޣަލް ޚާންދާނުގެ ވެރިކަމުގެ ފަންނުވެރިކަން މި ފިލްމުގެ މަންޒަރުތަކުން ފެންނާނެއެވެ. މި ފިލްމުގެ މަންޒަރުތައް ނަގާ ސަރަހައްދުތައް ކަނޑައަޅައިފައި ވަނީ މިކަން ކަމަށް ވިސްނައިގެން ކަމަށް އަރްބާޒް ޚާން ޕްރޮޑަކްޝަނުން ބުނެއެވެ.

ފިލްމުގެ ޝޫޓިންގެ ސަލާމަތާ ގުޅޭ ގޮތުން ފުލުހުންނާ ކުރާން ޖެހޭ މުއާމަލާތްތައް ވެސް ކުރެވިފައިވާ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. ފިލްމުގެ ކްރޫގައި ހިމެނޭ ހުރިހާ ފަރާތެއް ވެސް މި ހަފްތާގައި ލަކަނޫއަށް ދާނެއެވެ.