އިސްލާމް އާބާދު (ސެޕްޓެމްބަރ 9): ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށް އިންޑިޔާގެ ޚާރިޖީ ވަޒީރު އެސްއެމް ކްރިޝްނާ ވިދާޅުވެއްޖެ އެވެ.

ކްރިޝްނާ އިއްޔެ ޕާކިސްތާނަށް ފެއްޓެވި ދަތުރުފުޅުގައި އިސްލާމް އާބާދުގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރާ ހީނާ ރައްބާނީއާ ބައްދަލުކުރެއްވުމަށް ފަހު މިއަދު ވަޑައިގެން އުޅުއްވަނީ ޕާކިސްތާނުގެ ޕަންޖާބު ސަރަހައްދުގަ އެވެ. ޕަންޖާބްގައި ވާހަކަ ދައްކަވަމުން ކްރިޝްނާ މިއަދު ވިދާޅުވީ އިންޑިޔާ ސަރުކާރާއި އިންޑިޔާގެ ރައްޔިތުން ޕާކިސްތާނަށް އެދެނީ ތަރައްޤީއާއި ކުރިއެރުން ކަމުގަ އެވެ. އަދި ސުލްޙަވެރި އަވަށްޓެރިއެއްގެ ގޮތުގައި ޕާކިސްތާން ދެމިއޮތުމަށް އިންޑިޔާ އެދޭކަން ވެސް އޭނާ ހާމަކުރެއްވި އެވެ.

ޕާކިސްތާނުގެ ޕަންޖާބަށް ވަޑައިގަތުމުން އިންޑިޔާގެ ޚާރިޖީ ވަޒީރު އެސްއެމް ކްރިޝްނާއަށް މަރްޙަބާ ދެންނެވީ އެސަރަހައްދުގެ ގަވަރުނަރު އަދި ޗީފް މިނިސްޓަރު ސަރުދާރު ލަތީފް ޚޫސާއެވެ. ކްރިޝްނާ، ޕަންޖާބަށް ވަޑައިގެންނެވީ އެ ސަރަޙައްދުގެ ތާރީޚީ ތަންތަނަށް ޒިޔާރަތް ކުރެއްވުމަށްޓަކަ އެވެ. ކްރިޝްނާގެ މިދަތުރުފުޅުގައި އިންޑިޔާއާއި ޕާކިސްތާނުގެ ކަމާބެހޭ މަސްއޫލުވެރިން އިއްޔެވަނީ ދެޤައުމުގެ އުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ވިސާގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މިއެއްބަސްވުމުގެ ދަށުން ކޮންމެ ޤައުމެއްގެވެސް އުމުރުން 65 އަހަރުން މަތީގެ ރައްޔިތަކު އަނެއް ޤައުމަށް ދިޔުމާއެކު އޮންއެރައިވަލް ވިސާއެއް ދޭގޮތަށް ހަމަޖެހިފައިވެ އެވެ. އިންޑިޔާއި ޕާކިސްތާނުގެ ރައްޔިތުން އެއްބައެއްގެ ޤައުމަށް އަނެއްބަޔަކު ޒިޔާރަތް ކުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ވިސާ ލިބުން ދަތިވުމުގެ މައްސަލައެވެ. މިއެއްބަސްވުމުގެ ދަށުން އޮންއެރައިވަލް ފްރީވިސާ ލިބޭނީ ދެޤައުމުގެވެސް އުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނަށެވެ. (ޕާކިސްތާނުގެ މީޑިޔާ)