މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ދެ ޒުވާނުންކަން، ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން އިއްޔެ ބުނީ، މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 11.96 ކިލޯގުރާމުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 5،370 ގްރާމްގެ ކެނަބިސް ފަތާއި، 6،590 ގްރާމްގެ ހަޝިޝް އޮއިލެވެ.

އެ ތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި އިންޑިއާގެ 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ތުހުމަތުވާ 24 އަހަރުގެ މީހާ ވަނީ، އޭނާ ރާއްޖެ އައީ ރައްޓެއްސެއް ބުނެގެން ކަމާއި، އިތުރު އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ބުނެފައެވެ.

އަދި މި މައްސަލައިގައި ތުހުމަތުވާ 27 އަހަރުގެ މީހާ ބުނިގޮތުގައި، 24 އަހަރުގެ މީހާ ރާއްޖެ އައީ އޭނާ ބުނެގެންނެވެ. އަދި އޭނާ އައީ ޓޫރިސްޓު ވިސާއެއްގައި ކަމަށްވެސް 27 އަހަރުގެ މީހާ ބުނި ކަމަށް، ކޯޓު އަމުރުގައިވެއެވެ.

ދެ މީހުންވެސް ވަނީ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.