އެމެރިކާއާއި ރާއްޖޭގެ ގުޅުން ދިވެހިންގެ އުއްމީދުތަކާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް މަސަައްކަތްކުރައްވާނެ ކަމަށް އެމެރިކާ އިން ރާއްޖެއަށާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު މިޝޭލް ސިޒާން ވިދާޅުވެއްޖެ އެެވެ.

އެމްބެސެޑަރު ކަމާ ހަވާލުވެވަޑައިގެން ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، ޓްރޭޑާސް ހޮޓަލުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ސިޒާން ވިދާޅުވީ ދިވެހިންގެ އުއްމީދުތަކާ އެއްގޮތަށް ޒުވާނުންނާއި އަންހެނުންގެ އުއްމީދުތަކާއި ހުވަފެންތައް ހަގީތަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވުމަކީ އެކަމަނާގެ ހަގީގީ މަގުސަދު ކަމަށެވެ.

"އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުރި އެމްބެސެޑަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހަގީގީ ގަސްދަކީ އަޅުގަނޑުމެންގެ ބައިލެޓްރަލް ގުޅުން ދިވެހިންގެ އުއްމީދުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުން، ހާއްސަކޮށް، ޒުވާނުންނާއި އަންހެނުން އަދި މުޖުތަމައުގެ ހުރިހާ ބައެއްގެ އުއްމީދުތަކާއި ހުވަފެންތަކަށް އެހީތެރިވެވޭ ގޮތަކަށް ކުރިއަށް ގެންދަން،" ސިޒާން ވިދާޅުވި އެވެ.

ރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން އެމެރިކާ އިން ކުރަން ގަސްދުކޮށްފައިވާ ކަންތައްތަކެއް އެމްބެސެޑަރު މިއަދު އިއުލާން ކުރެއްވި އެވެ. އެގޮތުން އަސްކަރީ ދާއިރާ އިން އެއްބާރުލުމާއި ގާނޫނުގެ ވެރިކަން ހިންގުމުގެ ދާއިރާ އިން ރާއްޖެއަށް އެހީތެރިވުން ހިމެނެ އެވެ. އަދި ކަނޑުފޭރުމާއި މަސްތުވާތަކެގީގެ ވިޔަފާރިއާ ދެކޮޅަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރުން ވެސް އެމެރިކާ އިން ރާއްޖެއާ ގުޅިގެން ކުރިއަށް ގެންދަން މަސައްކަތް ކުރާނެ ދާއިރާތަކުގެ ތެރޭގައި އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ އެމެރިކާ އާއި ރާއްޖެއާ ދެމެދުގެ ގުޅުމަށް މުހިއްމު މައްސަލަތައް ހައްލުކުރުމުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތުގައި ބޯފެނުގެ ކަންތައް ހަމަޖެއްސުމާއި ކުނި ނައްތާލުމުގެ ވަސީލަތްތައް ގާއިމް ކުރުމާއި ގެތަމްރީނު ޕްރޮގްރާތްކަށް އެމެރިކާ އެމެރިކާގެ އެހީދިނުމާ ބެހޭ އިދާރާ ޔޫއެސްއެއިޑް އިން 7.1 މިލިޔަން ޑޮލަރުގެ މަޝްރޫއު ފާހަގަ އެކަމަނާ ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން އާއްމުކުރި ރިޕޯޓާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުދެންނެވުމުން ސިޒާން ވިދާޅުވީ އެރިޕޯޓް އާއްމުކުރުމުން އެކަމަށް އެމެރިކާ އިން ފާޅުގައި މަރުހަބާ ކިޔާފައި ވާނެ ކަމަށެވެ. އަދި އޭރު އެމެރިކާ އިން އާއްމުކުރި ބަޔާނުގައިވާ ގޮވާލުންތައް އޭނާ ތަކުރާރު ކުރެއްވި އެވެ. އެގޮތުން ކަމާ ގުޅޭ ހުރިހާ އެންމެން ސުލްހަވެރި ކަމާ އެކު ވާހަކަދައްކައިގެން ކުރިއަށް ދެވޭނެ މަގެއް ހޯދުމަށް އިލްތިމާސްކުރައްވާ ކަމަށް ވިދާޅުވި އެވެ.

ކެތްތެރިކަން ދެމަހައްޓައިގެން ރާއްޖޭގައި ހުރި ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް ތަރައްގީކުުރުމަށް އެންމެން މަސައްކަތް ކުުރުމަށް ގޮވާލައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.