ރާއްޖެއަށް މިދުވަސްވަރު ކުރަމުން ގެންދާ ވިއްސާރައިގައި ރ. އަތޮޅުގެ ބައެއް ރަށްރަށުގައި ކަނޑުމަތީގެ ތަފާތު ހާދިސާތަކެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ރ. އަތޮޅުން ރިޕޯޓްކޮށްފައިވާ އެފަދަ ހާދިސާތަކުގެ ތެރެއިން އިއްޔެ ހަވީރުގެ ވަގުތެއްގައި އުނގޫފާރުން އެއަތޮޅު ލުންދުއްފުއްޓަށް ދަތުރު ގޮސް ތިބި ބަޔަކު ރަށަށް ދެވޭނެ ގޮތް ނެތި ހާލުގައި ޖެހިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު އުނގޫފާރު ޕޮލިސް ސްޓޭޝަނުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ފުލުހުންގެ ޓީމުން ލުންދުންފުއްޓަށް އެ ރަށުގައި ތިބި މީހުންނަށް ފަސްޓް އެއިޑާއި ބޯފެނާއި ކާބޯތަކެއްޗާއި ޓެންޓް ފަދަ ތަކެތި ހިފައިގެން އާންމުންގެ ބަޔަކާ އެކުގަ އެވެ. އަދި އެ ރަށުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޓެންޓް ޖަހައިގެން ތިބޭނެ އިންތިޒާމްތައް ވެސް ފުލުހުން ވަނީ ހަމަޖައްސައިދީފަ އެވެ. އެ ރަށުގައި ހާލުޖެހިފައި 64 މީހުން ތިބި އިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭއިރު އެ އެއެންމެން ވެސް މޫސުން ރީތިވުމުން މިއަދު ހެނދުނުގެ ވަގުތެއްގައި އުނގޫފާރަށް ގެންގޮސްފަ އެވެ. އެއެންމެންގެ ހާލުވެސް ރަނގަޅެވެ.

އިއްޔެ ހަވީރު ވިއްސާރަ އެންމެ ގަދަވެގެން ދިޔަ ވަގުތު ކަނޑުމަތީގައި އުޅަނދުތައް ނުދުއްވިގެން އުޅޭ ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ އުނގޫފާރު ޕޮލިސް ސްޓޭޝަނަޑް ރިޕޯޓްކޮށްފަ އެވެ. އެމައުލޫމާތު ލިބުމާ އެކު ފުލުހުން ވަނީ އެ އުޅަނދު ފަހަރުތަކުގެ ހަބަރު ބަލައި ވެދެވެން ހުރި އެހީތައް ފޯރުކޮށްދީފަ އެވެ.

އެގޮތުން އިންނަމާދުއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަނޑުގަދަކަމުން ދަތުރުނުކުރެވިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން ވަނީ އެ ރަށު ކައުންސިލާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އެހެން ދޯންޏެއް އެދޯނި އޮތް ސަރަހައްދަށް ފޮނުވައި ހާލުގައި ޖެހުނު ދޯނި ސަލާމަތްކޮށް އިންނަމާދު އަށް ވަނީ ގެންގޮސްފަ އެވެ. އެ ދޯނީގައި 20 މީހުން ތިބިއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

މީގެއިތުރުން އިއްޔެ ހަވީރު ރ. އުނގޫފާރު ކައުންސިލް އިދާރާގެ "އަކުރިސް" ލޯންޗާއި އެރަށު ފަޅުގައި އޮތް "ހައިޝަމް" ނަމަކަށް ކިޔާ ބޯޓަކާއި ޖެހި އެކްސިޑެންޓްވެފައިވެ އެވެ. އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް ލޯންޗަށާއި ބޯޓަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ އެއެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިހާދިސާތަކުގެ އިތުރުން ވެސް އިއްޔެ ހަވީރު އިންޖީނުލީ ކުޑަ ދޯންޏެއްގައި ދެމަފިރިއަކާއި އިތުރު އަންހެނަކު މަޑުއްވަރީ ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ ރ. ފަޅު ތުޅާދޫއަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ފުލުހުންގެ އެހީތެރި ކަމަށް އާއިލާގެ ފަރާތުން އެދިފައިވެ އެވެ. އަދި އެމީހުން ފެނޭތޯ ފުލުހުން ހޯދަމުން ދަނިކޮށް އިރުއޮއްސެން އުޅެނިކޮށް އެމީހުން ވަނީ ސަލާމަތުން ރަށަށް ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

ރ. އަތޮޅުގެ މަޑުއްވަރީން ޑިންގީއެއްގައި ދަތުރު ގޮސް ތިބި ހަ މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން އެމީހުން ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެމީހުން ވެސް ވަނީ މަޑުއްވަރީއަށް ގޮސްފަ އެވެ.

ރ. އަތޮޅުގައި ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތަކެއް އިއްޔެ ހިނގި އިރު ރ. މިދުއްޕަރު ރިސޯޓުން ގެސްޓުން ގޮވައިގެން ޑައިވިންއަށް ދިޔަ ދޯންޏެއް ހާލުގައި ޖެހިފައިވަނިކޮށް އެހީތެރިވެދިނުމަށް އެސަރަހައްދަށް ދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ އެދޯނީގެ ހަބަރު ބަލައި ސަލާމަތީ އިރުޝާދުތައް ފޯރުކޮށްދީފަ އެވެ. އަދި އެދޯނީގައި ތިބި އެންމެންވެސް އެނބުރި މިދުއްޕަރު ރިސޯޓަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރ. އަތޮޅުގެ އިތުރުން ވެސް އިއްޔެއާއި ރޭ ކަނޑުމަތީގެ ތަފާތު އެތައް ހާދިސާތަކެއް ވަނީ ހިނގާފައިވާއިރު މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުމް ގޯސްވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށް އެމްއެންޑީއެފް އާއި ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.