އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ކައިރީގަިއ ޓެރަރިސްޓް ހަމަލާއެއް ދޭން ބޮމެއް ހިފައިގެން އުޅުނު މީހެއްގެ އަތުގައި ބޮން އޮއްވައި، އެ ގޮވައި އޭނާ ވަރަށް ބޮޑަށް ޒަހަމް ވެއްޖެ އެވެ.

ޖަކާޓާގެ ކައިރީގަިއވާ ގެއެއްގެ ކައިރީގައި ބޮން ހިފައިގެން އުޅެނިކޮށް ގޮވުމުން ބޮން ގެންގުޅުނު މީހާގެ އިތުރުން އެތާ ކައިރީ ތިބި އެހެން ތިން މީހަކު ވެސް ޒަހަމްވި ކަމަށާއި ބޮންގޮއްވުމުގެ ރޭވުމުގައި ބައިވެރިވި ދެވަނަ މީހަކު ކުދި ޒަހަމްތަކަކާ އެކު ފިލާފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ރަށްބޭރުގައިވާ އަވަށެއް ކަމަށްވާ ޑިޕޮކްގެ ގެއެއްގެ ކައިރީގައި އިއްޔެ ގޮވި ވަރުގަދަ ގޮވުމަކާ ގުޅިގެން ޝައްކުކުރެވޭ ބަޔަކު ފިލާފައި ވާތީ އެމީހުން ހޯދުމަށް ޓެރަރިޒަމާ ދެކޮޅަށް މަސައްްކަތްކުރާ އިންޑޮނޭޝިއާ ފުލުހުންގެ ގްރޫޕެއް މަސައްކަތް ފެށި ކަމަށް ފުލުހުންގެ ތަރުޖަމާނެއް ކަމަށްވާ މޭޖަ ޖެނެރަލް އަނަންގް އިސްކަންދަރު ވދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ހާދިސާ ހިނގީ ބޮމެއް ތައްޔާރުކުރުމަށް ބޭނުންވާ ސާމާނު ، ގެއެއްގެ ތެރެއިން ފެނުމާ ގުޅިގެން ޓެރަރިސްޓުންގެ ބަޔަކު ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

އެންމެ ފަހުން ފުލުހުންނަށް ފެނުނީ ވައަތް ޒަހަމްވެ، ބުރިކޮށްލާފައިވާ މީހެއް ކަމަށާއި ބޮން ހެދުމަށް ބޭނުންކުރާ ތަކެތި އޭނާގެ ވަށައިގެން ވިއްސި ވިހާލިވެފައި ކަމަށް އިސްކަންދަރު ވިދާޅުވެފައިވެ އެވެ.

ޔަތީމުހާނާއެއްގެ އޮފީހަކާއި ހާބަލް ކްލިނިކެއް ކަމަށް ބުނާ ތަނެއް ފުލުހުން ފާސްކޮށް، ފަސް މީހަކާ ސުވާލުކޮށްފައިވާ ކަމަށާއި އިސްކަންދަރު ވިދާޅުވި ކަމަށާއި އެހެން ނަމަވެސް އެކަމުގެ އިތުރު ތަފުސީީލެއް ނުދެއްވާ ކަމަށް މަންޒަރުދުށްމީހުން ބުންޏެވެ.