09 Sep 2012, 16:49
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންގެންދާ މައްސަލަ ނުނިމެނީސް ޖީއެމްއާރާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅެން ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ޖީއެމްއާރާ ގުޅުން ހުރި ތިން މައްސަލަ އޭސީސީން ބަލަމުން އަންނަ ކަން ހާމަކޮށްފައި ވަނިކޮށް އަދި މިނިވަން މުއައްސަސާއަކުން އެ މައްސަލަ ބަލަމުން ދަނިކޮށް ސަރުކާރުން އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅެއް އެޅުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ސަރުކާރަށް މިކަމުގައި އެއްވެސް ކަމެއް ނިންމުމުގެ ކުރިން މިކަމުގައި އޭސީސީގެ ނިންމުން ވަރަށް މުހިންމު، ސަރުކާރަށް މި މައްސަލައިގައި ކަންތައްތައް ހައްލުކުރުމަށް ކުރިއަށް ދިޔުމަށް އޭސީސީގެ ނިންމުމުން ފަސޭހަވެގެންދާނެ. އެހެންނޫނީ ސަރުކާރަށް ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅެއް ވެސް ނޯންނާނެ،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެމްއާރުގެ މައްސަލައަކީ ސަރުކާރުން ކުރި ކަމެއްގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭ ކަމަކަށް ވުމުން އެކަން ބަލަން ޖެހޭނީ ވެސް އޭސީސީން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުން ޖީއެމްއާރާ އެކު މަޝްވަރާ ކުރަނީ ވެސް އެ އެއްބަސްވުމުގެ އަސްލާ މެދުގައި ނޫން ކަމަށާއި މިހާރުން މިހާރަށް ވެސް އެ މައްސަލަ ރަނގަޅު ކުރަން އެޅޭނޭ ސުލްހަވެރި ފިޔަވަޅުތަކާއި މެދުގައި ކަމަށެވެ.
"މީގައި އެގްރިމަންޓްގެ އަސްލު މި ދިރާސާކުރަނީ އޭސީސީ، އެހެންވެ އެ ކޮމިޝަންގެ ބަހެއް މިކަމުގައި ބޭނުންވަނީ، އަޅުގަނޑުމެން ޖީއެމްއާރާ އެކު ހަމައެކަނި މި މަޝްވަރާ ކުރަނީ،" އައްބާސް ވިދާޅުވި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތިފީ ވެސް ސަން އޮންލައިނަށް ވިދާޅުވެފައި ވަނީ ޖީއެމްއާރާ ގުޅޭ ގޮތުން ތިން މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ދެ މައްސަލައެއް މި މަހުގެ 15ގެ ކުރިން ނިންމައި ނިންމި ގޮތް އާންމުކުރައްވާނެ ކަމަށެވެ. އަދި އެކަމުގައި ބޭރުގެ އެކްސްޕާޓެއްގެ އެހީތެރިކަމަށް އެދިވަޑައިގެންފައިވާ ކަމަށް ވެސް ލުތުފީ ވަނީ ވިދާޅުވެފަ އެވެ.
ޖީއެމްއާރުގެ މައްސަލަ ހައްލުކޮށްދިނުމަށް ދާދިފަހުން އިންޑިއާ ސަރުކާރުން ވެސް ވަނީ ދިވެހި ސަރުކާރުގައި އެދިފަ އެވެ. އެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެފައި ވަނީ ޖީއެމްއާރު އެގްރިމަންޓްގައި ސަރުކާރު ކަންބޮޑުވާ މައްސަލަތަކެއް ހުރިކަން އިންޑިއާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.