އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު މިޝެލް ޖޭ ސިސޯން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށް ފަހު، އެމެރިކާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމެރިކާއަކީ އަބަދު ވެސް ރާއްޖެއާ ރަޙްމަތްތެރި ޤައުމެއްކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ މެދުގައި ކުރިއަށް ގެންދަން ފަށާފައިވާ ލީޑަޒް ޑައިލޮގާ ބެހޭ މަޢުލޫމާތު ޙިއްޞާ ކުރެއްވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ލީޑަޒް ޑައިލޮގް ފެށިގެން ހިނގަމުންދާތީ، އެމެރިކާގެ ސަފީރު އެކަމަށް މަރުޙަބާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދިވެހިރާއްޖެއާއި އެމެރިކާއާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެގެންދާނެކަމުގެ ޔަގީންކަން އެމެރިކާ ސަފީރު ދެއްވި އެވެ.