އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލު ކުރުމާ ގުޅިގެން އުފެދުނު ބައެއް މައްސަލަތައް ހައްލު ކުރުމަށް ރައީސް ޑރ. ވަހީދު ނެންގެވި ތިން މެންބަރުންގެ ކޮމެޓީގައި ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދު ނުހިމެނުއްވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ޖީއެމްއާރާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ދިރާސާ ކުރުމަށް ނެންގެވި ކޮމިޓީގައި ޖުމްހޫރީ ޕާޓީގެ މެމްބަރު ޑރ. މުހައްމަދު ޝަމްހީދު ހިމަނުއްވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާތީ އެ ވާހަކަ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި ކަމަށެވެ.

އަދި ވިދާޅުވީ އެ ކޮމެޓީގައި ޓްރާންސްޕޯޓު މިނިސްޓަރު ނުހިމެނުއްވުމަކީ ހިޔުމެލޭޓް ކުރުން [ނިކަމެތި ކޮށްލުން] ކަމަށް ރައީސް އަށް ދެންނެވި ކަމަށެވެ.

"ޑރ. ޝަމްހީދު ވަނީ އެކަން [ޖީއެމްއާރު އެގްރީމެންޓް ދިރާސާ ކުރުމަށް] ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ނެންގެވި ކޮމެޓީތެރޭގައި ވެސް ނުލައްވާ. ޖީއެމްއާރު އެގްރީމެންޓް ދިރާސާ ކުރުމަށް ނެންގެވި ކޮމެޓީގައި. އެކަން އެނގިގެން ޑރ. ވަހީދަށް. ރައީސުލްޖުމްހޫރިއްޔާ އަށް، ދެންނެވިން މަނިކުފާނު ޓްރާންސްޕޯޓް މިނިސްޓަރު އޭގައި ނުހިމަނުއްވާ އެހެން ތިން ބޭފުޅުންގެ މައްޗަށް އެކުލައްވާލެއްވީމާ ތިޔަ ކުރެއްވޭ ކަންތައްތަކާ މެދު ވިސްނާވަޑައިގަންނަވާށޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހިއުމިލޭޓް ކުރުމެކޭ ތިއީ. އަޅުގަނޑު އެއްގޮތަކަށް ވެސް އެކަން ގަބޫލެއް ނުކުރާނަމޭ. އެކަން ގަބޫލު ކުރާކަށް ނެތީމޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ ކޮމެޓީގައި ޝަމްހީދު ނުހިމެއްނުއްވީ "ތަންކޮޅެއް ހަރުކަށި ވީމާ" ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

"ރައީސް ވިދާޅުވީ އެ ބޭފުޅާ މާ ހަރުކޮށް ވާހަކަ ދައްކާ ކަމަށް ދެކޭތީ އޭ. ތަންކޮޅެއް ހަރުކޮށޭ އެހެން ވިދާޅުވީ،"

ގާސިމް ވިދާޅުވީ ޖީއެމްއާރު މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު ދެކިވަޑައިގަންނަވާ ގޮތް ހާމަ ނުކުރެވޭ ކަމަށްވާ ނަމަ އެއީ އަނިޔާއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ދެންނެވިން ގާނޫނާއި އެ މަނިކުފާނަށް ފެންނަ އެއްޗަކާއި ދެކިވަޑައިގަންވާ އެއްޗެއްސާއި މި ވާހަކަތައް ދެއްކީމާ އެނާ އަށް އެ ފުރުސަތު ނެތް ކަމަށްވާ ނަމަ އެއީ ހިއުމިލޭޝަނެކޭ. އަޅުގަނޑު ވެސް މަނިކުފާނު ވެސް ތިޔަ އިންނެވީ ހިޔުމެލޭޝަނަކީ ކިހާވަރެއްގެ އެއްޗެއްކަން އެނގިވަޑައިގެންފައޭ. އަޅުގަނޑުމެން ޕާޓީގެ މިނިސްޓަރަކު ހިއުމަލޭޝަންގެ ތެރޭގައި ހުރެގެން މަސައްކަތް ކުރާކަށް،" ގާސިމް ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ފަހު އެ ކޮމެޓީގައި ޓްރާންސްޕޯޓް މިނިސްޓަރު ހިމަނުއްވާނެ ކަމަށް ރައީސް އޭރު ވިދާޅުވި ކަމަށް ގާސިމު ވިދާޅުވި އެވެ.

"އެހެން ދެންނެވީމާ ވިދާޅުވި އެކަން ރަނގަޅު ކުރައްވާނެ ކަމަށް. އެ ކޮމެޓީގައި މިނިސްޓަރު ހިމަނުއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެކޮމެޓީގައި ޓްރާންސްޕޯޓް މިނިސްޓަރު ވަނީ ހިމަނުއްވައިފަ އެވެ. ނަމަވެސް ސަރުކާރުން އަދި އެކަން ހާމަކޮށްފައެއް ނުވެ އެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިން މައްސަލަ ދިރާސާ ކުރުމަށް ރައީސް ފުރަތަމަ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެޓާނީ ޖެނެރަލް ްއައިޝަތު އާޒިމާ އާއި ފައިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގައި އެމްއެލްސީގެ ބޯޑު ޗެއާމަން މުހައްމަދު ސައީދެވެ.