ޖަޕާނު ފުޓްބޯޅަ އެކަޑަމީތަކުގައި ތަމްރީނު ހެދުމަށް އީގަލްސްގެ ފޯވަޑް އަހުމަދު އިމާޒު (އާއްކޮ) ދިއުމަކީ އީގަލްސް ރިހޭ ފައިމައްޗަށް ފޮއިވެއްޓުން ކަމަށް އެ ޓީމުން ބުނެފި އެވެ.

ކޯޗު އިހުސާން އަބުދުލްގަނީ "ޓީމުގައި ހުރި އެންމެ ރަނގަޅު ފޯވަޑް ނެތުން އެއީ ވަރަށް ބޮޑު މައްސަލައެއް،" ކަމަށާއި ނަމަވެސް އެހެން ކުޅުންތެރިން ލައިގެން އެކަން ފޫބެއްދޭތޯ މަސައްކަތްކުރާނެ ކަމަށެވެ.

"އީގަލްސް އަށް މިދިމާވަނީ ލަނޑު ނުޖެހުން. އެހެންވީމަ އާއްކޮ ދިއުމަކީ ވަރަށް ބޮޑަށް އުނދަގޫވާނެ މައްސަަލައެއް. އެކަމަކު ކުޅުންތެރިޔާ އަށް މފަދަ ފުރުސަތެއް ލިބުނީމަ އެ ފުރުސަތުގެ ބޭނުން ހިފަންވާނެ. އެގޮތުން ވަރަށް އުފާވޭ އޭނާ އެފުރުސަތުގެ ބޭނުން ހިފަން ނިންމުމުން،" ސާންތީ ބުންޏެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ގިނަ އަހަރުތަކެއް ވަންދެން ކުރި ސާންތީ ބުނީ އާއްކޮ އަކީ ކުރިމަގުގެ ދަގަނޑޭ،" ކަމަށެވެ.

"ފުޓްބޯޅަ އަށް ވިސްނައިގެން ޑިސިޕްލިން ބަހައްޓައިގެން އުޅެފިނަމަ އަހަރެން ބުނާނީ އޭނާ އަކީ ދެ ވަނަ ދަގަނޑޭ ކަމަށް. އެފެންވަރު އޭނާގެ ކިބައިގައި އެބަހުރި. އެހެންވީމަ އީގަލްސް އަދި ކިތަންމެ ދަތި ވަގުތެއްގައި އޮތްއިރު ވެސް އެ ފުރުސަތުގެ ބޭނުން ހިފަން އާއްކޮ ޖަޕާނަށް ދިއުމުން ވަރަށް އުފާވޭ،" ސާންތީ ބުންޏެވެ.

ހދ. ނޭކުރެންދޫ އަށް އުފަން އާއްކޮ ވަނީ ޖޫނިއާ ގައުމީ ޓީމަށް ކުޅެ އެންމެ ފަހުން އެކުލަވާލި ސީނިއާ ގައުމީ ޓީމުގައި ހިމެނިގެން ނެހުރޫ ކަޕުގައި ވެސް ކުޅެފަ އެވެ.