09 Sep 2012, 13:55
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ޖީއެމްއާރާއެކު އެއްވެސް ޑީލެއް ހަދާފައި ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓ، ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު، އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ޖީއެމްއާރުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައި ބޮޑެތި އަދަދުތަކުން ފައިސާ ނެގިކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އޭނާ ޖީއެމްއާރާއެކު ޑީލެއް ހައްދަވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެފަދަ ވާހަކަތަކަކީ ބަޔަކު އޭނާގެ އަގު ވައްޓައިލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑު ކީއްކުރަންތޯ އެފަދަ ކަމެއް ކުރަންވީ، އަޅުގަނޑު ފުރަތަމަ މިނިސްޓަރު ކަމާއި ހަވާލުވެފައި ވެސް ދެއްކީ ޖީއެމްއާރުން ކަންކުރާ ގޮތާއި ހިތްހަމަ ނުޖެހިގެން ވާހަކަ، މިހާރުވެސް އެގޮތަށް މި ދައްކަނީ ވާހަކަ، އަޅުގަނޑު ޑީލެއް ހަދަން ޖެހޭނެ ސަބަބެއް ވެސް ނެތް، އަޅުގަނޑަށް ވާނެ ފައިދާއެއް ވެސް ނެތް، މިއީ ސިޔާސީ ގޮތުން ބަޔަކު ފަތުރާ ދޮގު ހަބަރުތަކެއް،" ޝަމްހީދު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދާއިއެކު ޝަމްހީދު މިދިޔަ ހަފްތާ އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވީ ރާއްޖޭގެ ބޯޓުތަކަށް އިންޑިއާގެ ބަނދަރަށް ވަނުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރެއްވުމަށެވެ. އަދި މޯލްޑިވިއަންއިން އިންޑިއާއަށް ދަތުރުތައް ފަށާތީ އެކަމާވެސް މަޝްވަރާކުރެއްވި އެވެ. އިތުރުން ޖީއެމްއާރު މައްސަލައިގައި އިންޑިއާގެ ސިވިލޭވިއޭޝަން މިނިސްޓަރާއި ޝަމްހީދު މަޝްވަރާކުރެއްވި އެވެ.
އެ ދަތުރުގައި އޭނާ ބައްދަލުކުރެއްވި ފަރާތްތަކާއި އެކަމުގެ ހުރިހާ މައުލޫމާތެއް އިންޑިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ސާފުވާނެ ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.
"އަޅުގަނޑު މި ކުރި ހުރިހާ ދަތުރެއްގެ ކަންކަން ރޭވީ ސަރުކާރުން، ބެއްލެވީ އެކޮޅުގެ ހައިކޮމިޝަނުން، އެބޭފުޅުންގެ އަތުގައި އޮންނާނެ އަޅުގަނޑުމެން ބައްދަލުކުރި މީހުންގެ ލިސްޓު، ބައްލަވާ،" މިނިސްޓަރު ވިދާޅުވި އެވެ.
އިއްޔެއިން ސާކިއުލޭޓްވަމުން އަންނަ އީމެއިލްތަކެއްގައި ބުނެފައިވަނީ ޝަމްހީދު ޖީއެމްއާރުން ދެ މިލިއަން ޑޮލަރު ނެންގެވި ކަމަށާއި އޭނާގެ ކޮއްކޮ ވަސީމް ޖީއެމްއާރުގެ އޮފީހަށް ވަޑައިގަތް މަޝްވަރާތަކެއް ކުރައްވާ ކަމަށެވެ.
ނަމަވެސް ޝަމްހީދު ވިދާޅުވީ ވަސީމް ކިޔާ އޭނާގެ ކޮއްކޮ އެއްވެސް އަދި ގާތްތިމާގެ މީހަކުވެސް ނުހުންނަ ކަމަށާއި އެއީ ދޮގުވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑު އެ ހުރިހާ ކަމަކަށް އިންކާރުކުރަން، އެއީ ހަމަ ހުސްދޮގު،" ޝަމްހީދު ވިދާޅުވި އެވެ.