09 Sep 2012, 13:45
ހ. މޭފްލާވާ ގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ހ. ރަންފަރުގެ، ހަސަން ޝިފާން 26، އާއި ސ. ފޭދޫ މުރިގު، މުހައްމަދު މިއުޒަމް 27،ގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.
ފުލުހުން ބުނީ ޖޫން 15 ވަނަ ދުވަހު ހ. މޭފްލާވާ ގޭގާއި ފުޅާދާއިރާއެއްގައި ޝިފާން މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޮސް އެގެ ބަލައި ފާސްކުރި އިރު ޝިފާން ދިރިއުޅޭ ކޮޓަރި ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ބުލެޓް ސައިޒުގެ 71 ރަބަރު ޕެކެޓާއި، ބޮޑު ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެތަކެތި ތަހުލީލު ކުރި އިރު ބަރުދަނުގައި 584.0876 ގްރާމް ހުރި ކަމަށެވެ. އަދި އެ ޕެކެޓުތަކުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިއެސިޓައިލްމޯފިން އާއި އެސިޓައިލްމޯފިންގެ އިތުރުން އެސިޓައިލްކޯޑެއިން ހުރިކަމަށް ލެބޯޓްރީ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.