09 Sep 2012, 12:37
ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ފިރިހެންމީހާ އާއި ދެ އަންހެނުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހ. މެރީގޯލްޑްވިލާ އިން ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 50 އަހަރުގެ ފިރިހެން މީހާ އާއި އުމުރުން 47 އަހަރުގެ އަންހެން މީހާގެ ބަންދަށް ފަސް ދުވަސް ރޭ ކްރިމިނަލްކޯޓުން ޖަހައިދީފައިވާ ކަމަށެވެ. އަދި ހަމަ އެގޭތެރެ އިން ހައްޔަރުކުރި 48 އަހަރުގެ އަންހެން މީހާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރާ އެމީހުން ހުކުރު ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އެ މައްސަލައިގައި ހައްޔަރުކުރި ދެ އަންހެނުންނަކީ މެރީގޯލްޑިވިލާ އަށް ނިސްބަތްވާ ދެ މީހުންނެވެ.
ފުލުހުން ބުނެފައި ވަނީ އެމީހުން އަތުން ފެނުނު މަސްތުވާތަކެއްޗަކީ ހެރޮއިން ކަމަށް ބެލެވޭ ކަމަށެވެ.