ސުނާމީގައި ގެއްލުން ލިބުނު ގެތައްް މަރާމާތު ކުރުމަށް ސަރުކާރުން ދިން ފައިސާ ބެހުމަށް ހަމަޖައްސާފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ ހއ. ވަށަފަރުގެ ބައެއް ރައްޔިތުން މިއަދު އިހުތިޖާޖުކޮށްފި އެވެ.

އެ ރަށު ކައުންސިލުން ބުނީ ރަށު ކައުންސިލް އިދާރާގެ ކުރިމަތީގައި މިއަދު އިހުތިޖާޖު ކުރީ ގާތްގަނޑަކަށް 70 މީހުން ކަމަށެވެ.

ރަށު ކައުންސިލްގެ ރައީސް އަބުދުﷲ ޒާހިރު މިއަދު ވިދާޅުވީ ސުނާމީގައި ގެއްލުން ލިބުނު ގެތައް މަރާމާތުކުރުމާއި އިމާރާތް ކުރުމުގެ މަޝްރޫއު ފުރަތަމަ ކުރިއަށް ގެންދިޔަީ ސަރުކާރުން ކަމަށެވެ. ނަމަވެސް އެކަން ހުއްޓާލުމަށް ފަހު ސަރުކާރުން އޭރު ނިންމީ ލިބިފައިވާ ގެއްލުންތައްް ސާވޭ ކުރުމަށް ފަހު ގޭގެ ވެރިންނަށް ފައިސާ ހަވާލުކޮށްގެން އެ ފަރާތްތަކުން އަމިއްލަ އަށް މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސުމަށެވެ.


"އޭރު މި ފައިސާ ދޫކުރީ، އޭގެ ފަހުން އެތައް ފަހަރަކު މި ފައިސާ ބަހަން އޭރުގެ ރަށު އޮފީހުން ވަނީ މަސައްކަތް ކޮށްފައި. ނަމަވެސް ރައްޔިތުން ބުނަނީ ފައިސާ ބެހުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ އިންސާފުންނެއް ނޫނޭ. އެހެންވެ ފައިސާ ބެހުން މެދު ކަނޑާލީ،" ވަށަފަރު ރަށު ކައުންސިލުގެ މެމްބަރު އަބުދުއްރައޫފު ވިދާޅުވި އެވެ.

ރައޫފު ވިދާޅުވީ ފައިސާ ދޫކުރަން ސަރުކާރުން ކަނޑައަޅާފައިވާ ބައެއް ގެތަކަކީ ސުނާމީ އެރުމުގެ ކުރިން ވީރާނާވެފައިވާ ގެތައް ކަމަށް ރައްޔިތުން ތުހުމަތުކުރާ ކަމަށާއި ކުދި ގެއްލުންތައް ލިބުނު ގޭގެ އަށް ބޮޑެތި އަދަދު ކަނޑައަޅާފައިވާވާ އިރު ބޮޑެތި ގެއްލުންތައްް ލިބުނު ގޭގެއަށް ކުދި އަދަދުތައް ލިބޭ ކަމަށް ބުނެ ރައްޔިތުން ޝަކުވާ ކުރާ ކަމަށެވެ.

"ރައްޔިތުންގެ އެ ޝަކުވާތަކާ ގުޅިގެން އަޅުގަނޑުމެން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގައި އެ ވާހަކަ ދަންނަވައިގެން އެކަން އެހެން ގޮތަކަށް ބަދަލުވޭތޯ މަސައްކަތް ކުރިން. ނަމަވެސް އެކަމަށް އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން މި މަހުގެ ފަސް ވަނަ ދުވަހު އަނެއްކާ ވެސް އެންގެވީ ފައިސާ ބަހަން،" ރައޫފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފައިސާ ބަހަން ސަރުކާރުން އެންގެވުމުން އެކަން ރަށު ކައުންސިލުން އިއުލާން ކުރި އެވެ.

"އަޅުގަނޑުމެން އެކަން އިއުލާން ކުރުމުން ރައްޔިތުންގެ ފަރާތުން އިންތިހާއަށް ޝަކުވާ އައި،" ރައޫފު ވިދާޅުވި އެވެ.

ނަމަވެސް ފައިސާ އިންސާފުވެރިކޮށް ބެހޭނެ ގޮތެއް ހޯއްދެވުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އަލުން ވާހަަކަ ދައްކަވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ރައްޔިތުން މިހާރު އެނބުރި ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށު ކައުންސިލުގެ ރައީސް ވިދާޅުވީ އެ ކަމުގައި ރައްޔިތުން ކައުންސިލަށް އެއްބާރުލުން ދެއްވީތީ ކައުންސިލުން ޝުކުރުވެރި އެވެ. އަދި ވިދާޅުވީ އިންސާފުވެރި ކަމާ އެކު ފައިސާ ބެހޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވަށަފަރު ކައުންސިލުން ބުނި ގޮތުގައި ސުނާމީގައި ގެއްލުންވި ގެތަކުގެ ވެރިންނަށް ބެހުމަށް 2.4 މިލިއަން ރުފިޔާ ސަރުކާރުން ދީފައިވެ އެވެ. އަދި އެ ފައިސާ ބަހަން ޖެހެނީ 110 ފަރާތެއްގެ މެދުގަ އެވެ.