ތައިލެންޑްގެ ހޮޓެލް ޗެއިނެއް ކަމަށްވާ ދުސިތް އިންޓާނޭޝަނަލް ޗެއިންގެ ފަރާތުން ބ. މުއްދޫގައި ތަރައްގީކޮށްފައިވާ ރިޒޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުއްވައިދެއްވައިފި އެވެ.

އެ ރިޒޯޓް ރައީސް ހުޅުއްވައިދެއްވީ އިއްޔެ މެންދުރު އެރަށުގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ރިޒޯޓް ހުޅުއްވައި ދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށް ވިދާޅުވެ، ދުސިތް އިންޓާނޭޝަނަލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށާއި އެތަނުގެ އިސްބޭފުޅުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދުސިތް އިންޓާނޭޝަނަލްގެ ރިޒޯޓެއް ރާއްޖޭގައި ހުޅުވުމުން އެކަމުގެ ފައިދާ ލިބިގެންދާނީ ރާއްޖޭގެ އިގިތުސާދަށް އެކަނި ނޫން ކަމަށާއި އެކަމުގެ ސަބަބުން ވަޒީފާތައް އިތުރުވުމުގެ ފުރުސަތުވެސް ފަހިވެގެން ދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދުގެ 30 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.