09 Sep 2012, 11:51
ކޮމަންވެލްތްގެ ސެކެޓްރީ ޖެނެރަލް ކަމަލޭޝް ސަރުމާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވި ޙާއްސަ މަންދޫބު ސާ ޑޮން މެކެނަން ރާއްޖެ ވަޑައިގެންފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ސާ ޑޮންމެކެނަން ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އޭނާގެ ހުންނަވަނީ ޓްރޭޑާސް ހޮޓެލްގަ އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާޝަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވި ގޮތުގައި ސާ ޑޮން މެކެނަން ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ސަރުކާރުން އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ރިޕޯޓް ނެރުމުގެ ކުރިން ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ. ނަމަވެސް އޭރު ކަންތައްތައް ހުރިގޮތުންނާ ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާތީއާ ބަންދުތަކަކާ ދިމާވެފައިވާތީ އޭނާއަށް ވަޑައިގެންނެވޭ ގޮތް ނުވީ އެވެ.
އައްބާސް ވިދާޅުވީ ސާ ޑޮންމެކެނަންގެ މި ދަތުރުފުޅަކީ ރާއްޖެއަށް އެމަނިކުފާނު ކުރައްވާ ވަދާއީ ޒިޔާރަތެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށެވެ. އަދި ސާ ޑޮން މެކެނަންގެ މިދަތުރުފުޅުގައި ރައީސް ވަހީދު އެމަނިކުފާނާ ބައްދަލުކުރައްވައި ކޮމަންވެލްތުން ރާއްޖޭގެ މަސްރަހު ދިމާވި މައްސަލަތައް ހައްލުކޮށްދިނުމަށް ކޮށްދެއްވާފައިވާ ކަންކަަމަށް ޝުކުރު އަދާކުރައްވާނެ ކަމަށާއި ނަމަވެސް މީގެ ފަހުން ރާއްޖޭގެ މަސްރަހުގައި ހިނގާ އެއްވެސް ކަމެއްގައި ސީމެގްގެ ދައުރެއް އޮންނާނެ ކަމަށް ސަރުކާރުން ނުދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" ރާއްޖޭގެ މިހިނގާދިޔަ ކަންތައްތަކާ ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ރާއްޖޭގެ އެކިއެކި ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ކޮމަންވެލްތުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް އެކަންތައްތަކަށް ޝުކުރު އަދާކުރުން އޮންނާނެ [ސާ ޑޮން މެނެނަންގެ] މި ދަތުރުފުޅުގައި،" އައްބާސް ވިދާޅުވި އެވެ.
ަަަސަން އަށް އެނގިފައިވާ ގޮތުގައި ސާ ޑޮންމެކެނަންގެ މިދަތުރުފުޅުގައި ރައީސް ވަހީދުގެ އިތުރުން ރައީސް ނަޝީދާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ސާ ޑޮންމެކެނަން ރާއްޖެ ވަޑައިގެންނެވި އިރު ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނަގައި ދިނުމަށް އެދި ސީމެގްގައި ހިމެނޭ ގައުމުތަކަށް ރާއްޖެ އިން ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށް ރައީސް ވަހީދު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަވިއެއްގައި ވަނީ ވިދާޅުވެފަ އެވެ.