މ. ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި ރޯވެ، މިރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހިސާބުގެ ބައެއް ގެތަކުން ވަގުތީ ގޮތުން ކަރަންޓު ކަނޑާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ހިސާބުގައި ހުރި މީހަކު 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގީ މިރޭ 21:30 އެހާކަންހާއިރެވެ.

ފުލުހުންނާއި ސިފައިން އަދިވެސް އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

ސްޓެލްކޯއިން މިރޭ ބުނީ، މާފަންނު ތޮއިބާ މިސްކިތް ހިމެނޭ ސަރަހައްދުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގެ ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްގައެވެ. އެމްއެންޑީއެފުން ބުނީ އެއީ މ. ކައިރުގޭގައި ހުންނަ ގޯޑައުންއެއް ކަމަށެވެ. އެއީ، ގަސްކާނާއާއި ކެމިކަލް ބަހައްޓާފައި ހުރި ގުދަނެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން ވެސް އަދި ސާފެއް ނުވެއެވެ.