09 Sep 2012, 11:27
ކަނޑުދަތުރު ތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން އިއްޔެ މީހުންނާއެކު ގެއްލިގެން ހޯދަމުން ދިޔަ ހަ ދޯންޏެއް ސިފައިންނާއި ފުލުހުންނާއި އާންމުން ނުކުމެ ހޯދައި މީހުން ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނީ މާލެއިން ފުރައިންގެ އއ. އަތޮޅަށް ދަތުރުކުރި "ރޯކުރި" ދޯނި އެ އަތޮޅު ބަތަލާ ރިސޯޓް ކައިރިއަށް އަޑިއަށްދާ ކަމުގެ މައުލޫމާތު އިއްޔެ މެންދުރުފަހު ލިބުމުން އެ ދޯންޏަށް އެހީ ވާން ކޯސްޓްގާޑުން ދިޔައި އިރު ދޯނި އޮތީ ފެތިފައި ކަމަށާއި މީހުން ތިބީ ފެނުން މަތީގައި އޮތް ގެ ގަނޑުގެ މަތީގައި ކަމަށެވެ. ރޯކުރި އަޑިއަށް ދިޔައިރު އޭގައި ތިން ބިދޭސީއަކާއި ދިވެއްސަކު ތިއްބެވެ. އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
އިއްޔެ ހަވީރު އައި ކޮޅިގަނޑުގެ ތެރޭގައި "މިސްރާބު" ނަމަކަށް ކިޔާ ދޯންޏެއް ވެސް ގެއްލުނެވެ. އެ ދޯނި ޅ. އަތޮޅު މާހަލު ކައިރިއަށް އަޑިއަށްދާކަމުގެ މައުލޫމާތު ލިބިގެން ސިފައިން ދިޔައިރު ދޯނިން ދަތުރުކުރި މީހުން ތިބީ ޕާމް ބީޗް ރިސޯޓާއި ދިމާލު ކަނޑުމަތީގަ އެވެ. ސިފައިންން ގޮސް އެ އެންމެން ސަލާމަތް ކުރި އިރު އޭގެ ތެެރެއިން ބައެއް މީހުން ތިބީ އަކުނިވަޔަށް ދަމާފަ އެވެ. މި ދޯނީގައި މީހުން ތިބި އަދަދު އެމްއެންޑީއެފުންބުނެފަ އެއް ނުވެއެވެ.
"ދިރާސާ-59" ނަމަކަށް ކިޔާ ދޯންޏެއް ވެސް ޅ. ކުރެންދޫ ކައިރިއަށް އިއްޔެ ހަވީރު ބަންޑުން ޖަހައިލި އެވެ. ނަމަވެސް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް އެ ދޯނިން ދަތުރު ކުރި އަށް މީހުން ސަލާމަތްކޮށްފަ އެވެ. އިއްޔެ ކ. ދިއްފުށީ ކައިރިން ވެސް ދޯންޏަކަށް ދިޔަވެ ހާލުގައި ޖެހުނެވެ. "ރޯޝަން" ނަމަކަށް ކިޔާ އެ ދޯނީގައި ތިބި މީހުނާއި ދޯނި ސަލާމާތް ކުރީ ވެސް ކޯސްޓްގާޑުންނެވެ.
ކަނޑުމަތީގެ ހާދިސާތަކުގައި އިއްޔެ ތިލަފުށިން ފުރައިގެން ހިންމަފުއްޓަށް ދަތުރުކުރި "ރާނާ" ނަމަކަށް ކިޔާ ދޯންޏެއްގައި ތިބި މީހުން ވެސް ހާލުގައި ޖެހުނެވެ. އެ މީހުން ހާލުގައި ޖެހުނީ ތިލަފުށިން ހިންމަފުއްޓަށް ދަނިކޮށް ދޯނީގެ އިންޖީނު ހުއްޓި އޮޔާ ގޮސްގެނެވެ. ހާދިސާގައި ދޯނި އޮޔާދާން ފެށުމުން އޭގައި ތިބި މީހުން ދޯނި ދޫކޮށްލުމަށްފަހު ކ. ތަނބުރުދޫއަށް އަރައި ތިއްބައި ސިފައިން ގޮސް ވަނީ ގިރިފުއްޓަށް ގެންގޮސް ފަރުވާ ދީފަ އެވެ. ރާނާ ދޯނީގައި ތިބި މީހުންގެ އަދެއްވެސް ސާފެއް ނުވެއެވެ.
އިއްޔެ ހަވީރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވިއިރު ދެ މީހުނާއެކު ށ. މަރޮށިއިން ވަދާ ނުކުމެ އުޅުނު ދޯންޏެއް ގެއްލުމުން އެ އަތޮޅު ފުނަދޫ ފުލުހުން ނުކުމެ ވަނީ އެ ދެ މީހުން ސަލާމަތްކޮށްފަ އެވެ. އަދި އެ އަތޮޅު ކޮމަންޑޫން ބޯވަ ނަގަން ދިޔަ ދެ މީހެއްގެ ޚަބަރެއް ނުވުމުން ހޯދަން މަސައްކަތް ކުރަނިކޮށް ފެނިފައި ވަނީ އެހެން ދޯންޏަކަށެވެ.
ބޯވަ ނަގަން ދިޔަ ދެ މީހުން އެ ދޯނީގެ މީހުންނަށް ފެނުނީ އެމީހުން ދަތުރުކުރި ޑިންގީ އޮޔާ ދިއުމުން ރޭ ދަންވަރު ފަތާފައި ގޮސް ށ. އަތޮޅުި ފަޅުރަށަކަށް އަރާ ތިއްބަ އެވެ. އެމީހުން އެރަށުން ނެގީ ވެސް ސިފައިންނެވެ.
ރާއްޖޭގެ މޫސުމް ގޯސްވެ ކުރަމުންދާ ވިއްސާރައިގައި ކަނޑުގަ ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ބަލައިގެން ދަތުރަށް އެރުމަށް ކޯސްޓްކާޑުން ވަނީ އަންގާފަ އެވެ.