03 Sep 2010, 06:00
11:00
ފުލުސް އޮފީހާ ވާހަކަ ދައްކަވައިގެން މިފަހަރުގެ ބައިބަލާ މުބާރާތް ބޭއްވޭނެ ގޮތެއްވޭތޯ ބައްލަވަމުން ގެންދަވާ ކަމަށާއި، ބައިބަލާގެ ސަބަބުން އެއްވެސް މާރާމާރީއެއް ނުވަތަ ހަމަނުޖެހުންތަކެއް ނުހިންގުމަށް އެމަނިކުފާނާ އެކު ޒުވާނުން ވެފައިވާ އެއްބަސްވުމާ ހިލާފު ނުވާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހު ދެއްވާ އެމަނިކުފާނުގެ ރޭޑީއޯ ހިތާބުގައި މިއަހަރު ބައިބަލާ ކުޅުމުގެ ހުއްދަ ނުލިބިގެން މިދިޔަ ހަފްތާގެ ތެރޭގައި ގިނައަދަދެއްގެ ޒުވާނުންތަކެއް އެމަނިކުފާނާ ބައްދަލުކުރުމަށް މުލިއާގޭ ކައިރިއަށް އެއްވުމާ ގުޅިގެން މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މުލިއާގޭ ކައިރިއަށް އެއްވި އެ ޒުވާނުންނަށް އެކަންތައް ވީހާވެސް ފުރިހަމައަށް ކޮށްދެއްވޭތޯ ބައްލަވަމުން ގެންދަވާ ކަމުގައި ވިދާޅުވި އެވެ. އަދި ކަމާބެހޭ ފަރާތްތަކުން އެ ހުއްދަ ނުދެއްވީ، ބައިބަލާ ކުޅުމުގެ ތެރޭގައި، މިދިޔަ ދެތިން އަހަރު މާރާމާރީގެ ޢަމަލުތައް އިންތިހާ އަށް ހިންގާފައިވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައިބަލާ ކުޅުމުގައި ބައިވެރިވަނީ މާލޭގެ އެކިއެކި ކަންކަން މަތިން ކުދިން ކަމުގައި ފާހަގަކުރައްވާ ވިދާޅުވީ އެކަންކަން މައްޗާއި ގުޅިފައިވާ އެހެން ޖޯޝްތަކާއި ރޫހުތައްވެސް ބައިބަލާގެ ތެރެއަށް ވަދެގެން ދިއުމުން މާރާމާރީއާ ހަމައަށް ކަންކަން ފުރޮޅިގެންދާ ކަމަށެވެ.
" ރާއްޖޭގައި މާރާމާރީ މިހާރު ހިންގަނީ ވަރަށްވެސް ނުރައްކާތެރިކޮށް، މިފަދަ ނުރައްކާތެރި ކަމަކަށް ބަޔަކު ނިކުންނައިރު ދިމާވާ ނުރައްކާތެރިކަމާއި ހަމަނުޖެހުން ވަރަށް ބޮޑު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ނަމަވެސް މިފަހަރުގެ ބައިބަލާ މުބާރާތްގެ ކަންތައްތައް ފުލުހުންގެ އިދާރާއިން ބަލަހައްޓާދޭ ގޮތަށް ނަމަވެސް ވީހާވެސް ރަނގަޅަކަށް ވީހާވެސް ފުރިހަމައަކަށް އެކަންތައްތައް ކޮށްދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން މި ވިދާޅުވީ މި އަހަރު ބައިބަލާ މުބާރާތް ބާއްވަން އެއްބާރުލުން ދެވެން ނެތް ކަމަށް އިއްޔެ ފުލުހުންގެ ބުނެފައި ވަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ހިތާބުގައި ވަޒީފާ އަދާކުރާ މީހުންނާއި، ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައިޖެހޭ މައްސަލަތައް ދެފަރާތުންވެސް ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން ހައްލު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އަދި ވަޒީފާދޭ ފަރާތާ ދެމެދުގައި ބައެއް ފަހަރަށް ހިލާފާއި، ދެބަސްވުންތަކާއި، ހަމަނުޖެހުންތައް އުފެދެމުންދާކަން ފާހަގަކުރައްވަމުން، ވަޒީފާދޭ ފަރާތުންވެސް ވަޒީފާ އަދާކުރާ ފަރާތަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދްމަތެއް ފޯރުކޮށްދީ، ހިފަހައްޓައިދޭންޖެހޭ ހުރިހާ ހައްގުތަކެއް ހިފަހައްޓައިދިނުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ.
" ވަޒީފާދޭ ފަރާތުން އެމީހުންނަށް މި ހުރިހާ ކަންތައްތަކެއް ފުރިހަމައަށް ކޮށްދިނުމަކީ، މި ސިނާއަތް ފައިދާހުރި ގޮތުގައި ދިވެހިންނަށް ބޭނުންކުރުމުގައި ވަރަށް މުހިންމު ދައުރެއް ކުޅޭނެ ކަމެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ހަމައެހެންމެ، ވަޒީފާ އަދާކުރާ ފަރާތުންވެސް ހިޔާލުފާޅުކުރުމުގެ ހައްގާއި، އެއްވެ އުޅުމުގެ ހައްގާއި، ހަޅުތާލު ކުރުމުގެ ހައްގު ބޭނުންކުރަމުން ގެންދާން ޖެހޭނީ ޤާނޫނީ ހުދޫދުގެ ތެރޭގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ ހައްގުތައް ސަރުކާރުން އެބަ ހިފަހައްޓަން ޖެހޭ ކަމަށާއި، ހަމައެއާއެކީގައި، މުދާ ހޯދުމާއި، މުދާ އެއްކުރުމާއި، މުދަލުގެ މުޢާމަލާތް ހިންގުމާއި، މުދަލުގެ ޙުރްމަތް، މުދަލުގެ ވެރިފަރާތަށް ހިފަހައްޓައިދިނުމަކީވެސް ސަރުކާރުގެ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.