ރާއްޖޭގެ ވަރަށް ގިނަ ރަށްރަށް ފަދައިން މި އަތޮޅު ވިލިނގިއްޔަކީ ވެސް ކުނީގެ މައްސަލަ ވަރަށް ބޮަޑަށް ދިމާވެފައިވާ ރަށެވެ. ރައްކާތެރިކަމާއެކު ކުނި ނައްތައި ނުލެވުމުގެ ސަބަބުން އުފެދޭ އާންމު ބަލިތަކާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވުމުން މި ރަށުގެ ހޭޅިފަށާއި ބައެއް ހިސާބުތަކުގައި އާދަޔާހިލާފަށް ކުނި ގިނަވެ ތަޣައްޔަރުވެފައިވާތާ އެތައް ޒަމާނެކެވެ.

މިރަށުން ވާހަކަ ދެއްކި އެންމެން ވެސް ބުނީ ކުނީގެ މައްސަލައަކީ އެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަށު ފެނަވަރުގަ އާއި އެހެނިހެން ގޮތްގޮތަށް ގިނަ މަސައްކަތްތަކެއް ކުރެވި މިހާތަނަށްް ހައްލެއް ލިބިފައި ނުވާ މައްސަލައެކެވެ. އަދި ވިލިނގިއްޔަށް އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށެވެ.

"މިއީ މިރަށަށް އޮތް އެންމެ ބޮޑު އެއް މައްސަލަ، މިކަަމަށް އެތައް ޒަމާނެއް ވެއްޖެ،" މިރަށު، ހުސެއިން އަހުމަދު ބުންޏެވެ.

މިއަތޮޅުގެ ވެރިރަށް ވިލިނގިލީގެ އާބާދީގައި 4000 އަށްވުރެ ގިނަ މީހުން ދިރިއުޅޭއިރު ކޮންމެ ދުވަހަކީ ވެސް އެތަކެއް ޓަނެއްގެ ކުނި ރަށަށް ޖަމާވާ ދުވަހެކެވެ. އެ ހުރިހާ ކުނި އަޅާނެ ތަނެއް ނެތުމާއި ކުނި ނައްތާލާނެ ގޮތެއް ނެތުމުގެ ސަބަބުން ރަށުގެ ހޭޅިފަށް ގޮނޑަކަށްވެ މޫދު ތައްޣަޔަރުވެ ރީތިކަން ވަނީ ގެއްލިފަ އެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ސައުދު ހުސެއިން ވިދާޅުވި ގޮތުގައި ކުނީގެ މައްސަލައަކީ މިހާތަނަށް ކުރި މަސައްކަތުން ހައްލު ނުކުރެވި، އެކަމަކު އެކަމަށް ގިނަ ހޭދަ ކުރެވިފައިވާ މައްސަލައެކެވެ.

"މިއީ ހަގީގަތުގައި ވަރަށް ބޮޑު މައްސަލައެއް އަޅުގަނޑުމެން ކުރިން ކުނި އަޅަން ކަނޑައެޅިން ސަރަހައްދެއް އެތަން ފުރުނީމަ އަނެއްކާވެސް ކުނީގެ މައްސަލަ ބޮޑުވީ. އެހެން ކަމުން މިކަމަށް އެބަ ބޭނުންވޭ ދާއިމީ ހައްލެއް،" ސައުދު ވިދާޅުވި އެވެ.

މިރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށްޓަކައި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލި ޖަނާހު (ޖަނާ) ވަނީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީސް އެއް މިރަށަށް ހަދިޔާކުރަން ނިންމާފަ އެވެ. މި ފެސިލިޓީސް މާދަމާ މިރަށުގެ ކައުންސިލާ ހަވާލު ކުރާނެ އެވެ. މިއީ ކުނީގެ މައްސަލައިގައި ހައްލަކަށް އެދި އެދި ތބި މިރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހަދިޔާއެއްގެ ގޮތުގައި މި އާބާދީ ވަނީ ބަލައި ގެންފަ އެވެ.

މިރަށަށް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީސްއެއް ހަދިޔާ ކުރެއްވި ވިޔަފާރިވެރިޔާ، ޖަނާ ވިދާޅުވި ގޮތުގައި މިލިއަނެއްހާ ރުފިޔާގެ އެ ފެސިލިޓީސް އިން މިރަށުގެ ރައްޔިތުނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

"މިއީ އަޅުގަނޑު ވިލިނގިލީ ރައްޔިތުންށް ދޭ ހަދިޔާއެއް،" ޖަނާ ވިދާޅުވި އެވެ.

ޖަނާ ވިދާޅުވި ގޮތުގައި ވޭސްޓް މެނޭޖްމެންޓް ފެސިލިޓީސްގެ ސަބަބުން މިރަށުގައި އުފެދޭ އެކި ބާވަތްތަކުގެ ކުނި ވަކިކޮށް ރައްކާތެރިގޮތުގައި ނައްތާލެވޭނެ އެވެ. މީގެ އިތުރުން މި ފެސިލިޓީސްއާއެކު ކުނި އުފުލަން ބޭނުންވާ ވެހިކަލްވެސް މިރަށަށް ފޮނުވައިދޭނެ އެވެ.

"ރީސައިކަލް ކުރުމާއި ކުނިނައްތާލެވޭނެ ގޮތްތަށް ވެސް މުސްތަގުބައިލުގައި މިރަށުގައި ގާއިމްކޮށްދޭނަން،" މަސީގެ ރައީސްކަން ވެސް ކުރައްވާ ޖަނާ ވިދާޅުވި އެވެ.

މިރަށުގެ ކައުންސިލުން ބުނީ ޖަނާގެ ވެދިން އެހީއަކީ މިރަށުގެ އާބާދީ ވަރަށް ބޮޑަށް ބަލައިގަތް އެހީ އެއް ކަމަށާއި ޖަނާގެ ހަދިޔާގެ ސަބަބުން މިރަށުގެ އެންމެނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށް ނިނުމުން އައީ ކަމަށެވެ.