އެތައް އަހަރުތަކެއް ވަންދެން ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީ އަށް ފައިދާއެއް ނުވެ ގެއްލުމާ ކުރިމަތި ވަނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަން އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުހަންމަދު މަތީން ވިދާޅުވީ ޓޫރިސްޓް ރިސޯޓްތަކާއި ހޮޓާ ފަދަ ތަންތަނުގެ ކުލި މިންގަނޑަކަށް ފެއްތުމަށް 2010 ވަނަ އަހަރު ޓޫރިޒަމަށް ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ވަކިވަކި ފަރުދުންނަށް އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ބަންދުވެފައިވާ ކަމަށެވެ. މަތީން ވިދާޅުވީ އެމްޓީޑީސީ އަށް ބޮޑަތި ބިންތަކެއް ކުއްޔަށް ދޫކޮށްފައި ހުރީއިރު އެތަންތަނަކީ ގިނަ އިންވެސްޓްމަންޓްތަކެއް ކުރަން ޖެހޭ ތަންތަން ކަމުގައިވީ ނަމަވެސް އެތަންތަނަށް ބޮޑަތި ކުލިތަކެއް ދައްކަން ޖެހުމުން އެ ބިންތައް ޑިވަލޮޕްކުރުމަށް ބޮޑަތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"ހާއްސަކޮށް ފަރުދުންނަށް މިދާއިރާގައި އިންވެސްޓް ކުރުމުގެ ފުރުސަތު މިއޮތީ އެއްކޮށް ބަންދުވެފައި. ހަމައެކަނި މި ގާނޫނުން ފަހިވެފައި މިއޮތީ އިންސްޓިޓުއޝަނަލް އިންވެސްޓަރުންނަށް މިދާއިރާގައި އިންވެސްޓްކުރުން. އަޅުގަނޑުމެންގެ 25000 ހިއްސާދާރުންގެ ހައްގު މިއޮތީ މި ގާނޫނުން ގެއްލިފައި، މިއީ ސީރިއަސް މައްސަލައެއް،" މަތީން ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މިހިރީ ރާއްޖޭގެ ދެކޮޅުން ވަރަށް ބޮޑެތި ތަންތަން ދީފައި، އެއާއެއްކޮށް މިހިރަ ތަންތަނަކީ ވަރަށް ބީރައްޓެހި ސިފަތައް ހުރިތަންތަން. މީހުން އުޅޭ ރަށްރަށުގެ އަރިމަތިން މިހެން ދީފައި ހުންނަ ތަންތަނަކީ ސިޓީ ހޮޓްލްގޮތައް އެޅޭނެ ތަންތަން. އެކަމަކު އެތަންތަނަށް މި އޮންނަނީ އެއްރޭޓެއް، އުލިގަމަށް ވެސް މިވަނީ އެހެން، އޭގެ ސަބަބުން މި އޮންނަ އެޑްވާންޓޭޖްތައް އެބަގެއްލޭ ވަކިން ހުންނަ ރިސޯޓްތަކާ ބަލާފައި، އެއީ ލިކާ ލައިސަންސް ނިލިބޭ ތަންތަނަށްވެސް އަށް ޑޮލަރު،"

އެމްޓީޑީސީން އާންމުކޮށްފައިވާ އެ ކުންފުނީގެ މިދިޔަ ހަ މަސް ދުވަހުގެ ހިސާބުތަކުން ދައްކާގޮތުން އެ ކުންފުނީގެ ފައިދާ ވަނީ ރެކޯޑް މިންވަރަކަށް ދަށަށްގޮސްފަ އެވެ. މިދިޔަ އަހަރުގެ ހަ މަސްދުވަހާ އަޅާބަލާ އިރު އެ ކުންފުނީގެ ފައިދާ ވަނީ 43 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ. އެ ކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއްވައި އެސެޓަކީ އެ ކުންފުނިން އައްޑޫ އަތޮޅުގައި ހުޅުވާފައިވާ ރިސޯޓްރަށް، ހެރެތެރެ އެވެ.

މަތީނު ވިދާޅުވީ އެތައް ބަޔަކު އެ ރަށާ މިހާތަނަށް ހަވާލުވި ނަމަވެސް ކޮންމެ ބަޔަކު ވެސް ފެއިލްވެފައިވާ ކަމަށެވެ. ސަބަބެއް ކަމަށް މަތީނު ފާހަގަކުރެއްވީ ޓޫރިޒަމް ގާނޫނުން އެޅޭ ހުރަސްތަކެވެ. މަތީން ވިދާޅުވީ؛"ކޮންމެ ބަޔަކަށް ވެސް އެ މީހުން މި ގޯސްވަނީ، މައްސަލައަކަށް އަޅައެއް ނުލައި، މައްސަލައަކީ ހެރެތެ އޮޕަރޭޓް ކުރަން އަޅުގަނޑުމެން އަތުން އެބަ އަރައި މި ހުރިހާ އެއްޗެއް ލައިގެން 21 ޕަސެންޓް އޮޕަރޭޓިން ކޮސްޓް،" ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނުގެ ސަބަބުން ޓޫރިޒަމް މިނިސްޓްރީއަށް ވެސް އިންޑަސްޓްރީ ރެގިއުލޭޓް ކުރުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އަލަށް އަންނަ ބައެއް ޕްރޮޕޯސަލްތައް ވެސް ޓޫރިޒަމްގެ ގާނޫނަށް ނުފެތޭތީ ފޮނުވާލަން ޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ރެގިއުލޭޓާޒް ކިހިނެއްތޯ ހަދާނީ މިހާރު މި އަންނަ އިސްލާމިކް ޓޫރިޒަމްގެ ޕްރޮޕޯސަލްއާ މިއެއްޗެހި، ކިހިނެތްތޯ މިބޭފުޅުން، މިސާލަކަށް ލިކާ ނުވިއްކާއިރު އެއަށްރޭޓެއް ކަނޑައަޅާނީ، ކިހިނެތްތޯ މިސާލަކަށް، މިހުރި ބޮޑަތި ރަށްރަށަށް އެހީވާނީ އިންފްރާސްޓްރަކްޗާ ހެދެންދެން ވެސް، މި ހުރީ ގާނޫނުގައި ވަކިގޮތަކަށް އަދަދުތަކެއް ޖަހާފައި އަނެއްކާ ޑޮލަރުން މި ހުންނަނީ، ރެގިއުލޭޓާޒްއަށް ބާރުތަކެއް އެބަދޭން ޖެހޭ،" މަތީނު ވިދާޅުވި އެވެ.

ޓޫރިޒަމް އިންޑަސްޓްރީ އަށް އިތުރަށް ފުޅާކުރަން ބޭނުން ނަމަ ހައްލަކީ އެ ގާނޫނު ދިރާސާކޮށް ވީހާ ވެސް އަވަހަކަށް ގާނޫނަށް ބަދަލުތަކެއް ގެނައުން ކަމަށް ވެސް މަތީން ވިދާޅުވި އެވެ. އެހެން ނޫނީ އިންޑަސްޓްރީ އަށް ބަނަދުވަސްތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގޮވާލަން ގައުމީ ޔުނިވާސިޓީ ކަހަލަތަނަކުން މި ގާނޫނު ދިރާސާކޮށް އިންޑަސްޓްރީގެ މީހުންގެ ހިޔާލާއި އެކު އައު ގާނޫނެއް ވުޖޫދަށް ގެންނަން،" މަތީން ވިދާޅުވި އެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 200،000 އަކަ މީޓަރަށް ވުރެ ބިމުގެ އޭރިޔާ ކުޑަބިމަކުން ނަގާ ކުލި އެއް މިލިއަން ޑޮލަރަށް ވުރެ ބޮޑުވާ ނަމަ އެ ބިމެއްގެ ކުލިކަމަށް ކަނޑައަޅާނީ ކޮންމެ އަހަރަކަށް އެއް މިލިއަން ޑޮލަރު ކަމަށެވެ. އަދި ބުނެފައި ވަނީ އެއް މިލިއަން ޑޮލަރަށް ވުރެ ބިމު ކުލި ކުޑަ ނަމަ އެ ބިމެއްގެ ކުލި އަހަރަކަށް ކަނޑައަޅާނީ ބިމުގެ ކޮންމެ އަކަ މީޓަރަކަށް އަށް ޑޮލަރުންގެ މަގުން ކަމަށެވެ. އަދި ދެ ލައްކަ އަކަމީޓަރާއި ހަތަރު ލައްކަ އަކަ މީޓަރުގެ ބިމަކުން ނަގާނީ ކޮންމެ އަހަރަކަށް 1.5 މިލިއަން ޑޮލަރެވެ. ހަތަރުލައްކަ އަކަ މީޓަރަށް ވުރެ ބޮޑުބިމަކުން ނަގާކުލި ދެ މިލިއަން ޑޮލަރަށް ވުރެ ބޮޑު ނަމަ ބިމު ކުއްޔަކީ އަހަރަކު ދެ މިލިއަން ޑޮލަރު ކަމަށެވެ.

ގާނޫނަށްގެނައި މިބަދަލާއި އެކު އެމްޓީޑީސީން ގިނަ މައްސަލަތަކެއް ވަނީ ކޯޓަށް ވެސް ވައްދައިފަ އެވެ. އެ މައްސަލަތައް އެމްޓީޑީސީއާ ދެކޮޅަށް ނިމިއްޖެ ނަމަ އެ ކުންފުންޏަށާއި ސަރުކާރަށް 725 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް މަތީން ވިދާޅުވި އެވެ.

"މިއީ މި ކުންފުނީގެ 25،000 ހިއްސާދާރުންނަށް ކިހާބޮޑު ގެއްލުމެއްތޯ، މިކަމާއި ހެދި އަޅުގަނޑުމެންނަށް ނެތް ބިޒްނަސް ކުރެވޭކަން ބިޒްނަސް ޕްލޭންއެއްވެސް ހެދޭކަށް،" މަތީން ވިދާޅުވި އެވެ.

ޓޫރިޒަމް ގާނޫނުނަށް ގެނައި ބަދަލާ އެކު ބައެއް ތަންތަނުގެ ކުލި ވަރަށް ބޮޑުތަނުން ކުޑަވެސްވިޔެވެ. އޭގެ ތެރޭގައި ނަސަންދުރާ ހިމެނެ އެވެ.