ރާމަﷲ (ސެޕްޓެމްބަރ 9): ފަލަސްތީނުން އިޢްލާންކޮށްފައިވާ މިނިވަން ދައުލަތަށް އދ.ގެ ޖެނެރަލް އެސެމްބްލީގެ މެންބަރުކަން ހޯދުމާބެހޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި ފަލަސްތީނުގެ ޒާތީ އިދާރާއިން (ހިފާފައިވާ ބިންތަކުގައި އުފައްދާފައިވާ ފަލަސްތީނުގެ ވެރިކަމުގެ އިދާރާ އިން) މިމަހުގެ 27 ގައި އެ އެސެމްބްލީއަށް ޙާޒިރުވާނެކަމަށް ރައީސް މަޙްމޫދް ޢައްބާސް ވިދާޅުވެއްޖެ އެވެ.

ރާމަﷲގައި ހުންނަ ފަލަސްތީނުގެ ރިޔާސީ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޢައްބާސް ވިދާޅުވީ މި މަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުންތަކަށް އެސެމްބްލީގެ މެންބަރުކަން ފަލަސްތީނަށް ދިނުމާ ބެހޭ ޤަރާރެއް ފަލަސްތީނުން ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ. މިޤަރާރު ފާސްވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑުކަމަށާއި މިޤަރާރު ފާސްވެއްޖެނަމަ އދ.ގެ ހުރިހާ މެންބަރު ޤައުމުތައް ހިމެނޭ ޖެނެރަލް އެސެމްބްލީގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނު ވެގެންދާނެ ކަމަށް ޢައްބާސް ވިދާޅުވި އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި ހިމެނޭ 193 ޤައުމުގެ ތެރޭން 133 ޤައުމުން ރަސްމީ ސިފައެއްގައި ފަލަސްތީނުގެ މިނިވަންދައުލަތަށް ޢިއްތިރާފްވެ އެދައުލަތް ޤަބޫލުކޮށްފައިވާ އިރު އިތުރު 17 ޤައުމަކުން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކުރާނެކަމުގެ ޔަގީންކަން ފަލަސްތީނަށް ދީފައިކަމަށް ފަލަސްތީނުގެ ބުނެފައިވެ އެވެ.

ޢައްބާސް ވިދާޅުވީ އދ.ގެ ޖެނެރަލް އެސެމްބްލީގެ މެންބަރުކަން ފަލަސްތީނަށް ދިނުމާ ބެހޭ ޤަރާރަށް އެއެސެމްބްލީގައި ހިމެނޭ 193 ޤައުމުގެ ތެރޭން 150 ޤައުމެއްގެ ތާއީދު ލިބޭނެ ކަމަށް ބެލެވޭތީ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން މިޤަރާރު ފާސްވެގެންދާނެ ކަމަށް ބެލެވޭ ކަމުގަ އެވެ. ފަލަސްތީނުގެ ދައުލަތަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމާބެހޭ ގޮތުން ފަލަސްތީނުން އދ.ގެ ސަލާމަތީ މަޖިލީހަށް މިދިޔަ އަހަރު ހުށަހެޅި ހުށަހެޅުން އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުންވަނީ އެމަޖިލިހަށް ހުށަނާޅާ ޕެންޑް ކޮށްފަ އެވެ.

ސަލާމަތީ މަޖިލީހާ ޚިލާފަށް ޖެނެރަލް އެސެމްބަލީއަކީ ޑިމޮކްރެޓިކް އުސޫލުން ހިނގާ މަޖިލީހަކަށްވާތީ ސަލާމަތީ މަޖލީހުގެ ކަންކަމަށް އެމެރިކާ އިން ގަދަބާރު ފޯރުވައި ވީޓޯ ކުރާގޮތަށް ޖެނެރަލް އެސެމްބްލީގައި މިކަންކުރުމުގެ ފުރުސަތެއް އެމެރިކާއަށް ވެސް އަދި ވީޓޯގެ ބާރުލިބފައިވާ ބޮޑެތި އެހެން ޤައުމުތަކަށް ވެސް ލިބިފައެއް ނުވެ އެވެ. (ޖަރުމަނު ނޫސްއެޖެންސީ)