09 Sep 2012, 09:21
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މީހަކު 3000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެ މައްސަލައިގައި 3000ރ. އިން ޖޫރިމަނާކޮށްފައި ވަނީ ތ. ތިމަރަފުށީ އަނބުގަސްދޮށުގޭ ޒައިދު އުސްމާން އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނަނީ މާޗް ނުވަ ވަނަ ދުވަހު އިރުއޮއްސި 6:40 އެހާކަންހާއިރު ޓްރޭޑާސް ހޮޓަލް ސަރަހައްދުގެ މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް އޭނާގެ އަތުން ކޮށްޕައި އެތަކެތި އެއްލާލައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުން ޒައިދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެކުށުގެ އުގޫބާތެއްގެ ގޮތުން ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އޭނާ 3000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް އޭނާ އަށް އަންގާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.