ވްލަޑިވޮސްޓޮކް (ސެޕްޓެމްބަރ 9): ރަޝިޔާގެ އައްސޭރިފަށުގެ ރަށެއްކަމަށްވާ ވްލަޑިވޮސްޓޮކްގައި ކުރިޔަށްދާ އޭޕެކްގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި ރަޝިޔާ އާއި ޖަޕާނުން އިޤްތިސާދާއި ވިޔަފާރީގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއެއްބަސްވުންތަކުގެ ތެރޭގައި ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ގުޅިފައިވާ އަޚްޓްސްކް ކަނޑުން މަސްބޭނުމުގެ ކަންތައް އިންތިޒާމްކުރުމުގެ އެއްބަސްވުމަކާއި ރަޝިޔާގެ ސައިބީރިޔާގައި ލަކުޑީގެ ސިނާޢަތާ ބެހޭ ފެކްޓްރީއެއް ޖަޕާނުން ޤާއިމްކޮށް ދިނުމާއި ރަޝިޔާގެ ޤުދްރަތީ ގޭސް ޖަޕާނަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުން ހިމެނެ އެވެ. ރަޝިޔާގައި އިއްޔެ ފެށުނު އޭޝިޔާ ޕެސިފިކްގެ ޤައުމުތަކުގެ އިޤްތިސާދީ ފޯރަމް (އޭޕެކް)ގެ އިސްވެރިންގެ ސަމިޓްގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ރައީސް ވަލްޑިމޭރު ޕޫޓިން ވަނީ އޭޕެކްގެ ޤައުމުތައް އިޤްތިސާދީ ގޮތުން ގުޅުވައި އެއްކޮށްލުމަށް ގޮވާލައްވާފަ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިސަމިޓްގައި ރަޝިޔާ، އެމެރިކާ، ޗައިނާ، ޖަޕާން ފަދަ ދުނިޔޭ ބޮޑެތި ސިނާޢީ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ. އޭޕެކްގެ ސަމިޓްގެ އަރިމަތީގައި އެޖަމާއަތުގެ ޤައުމުތަކުގެ އިސްވެރިން ގެންދަވަނީ އެއްބޭފުޅަކު އަނެއްބޭފުޅަކާ ބައްދަލުކުރައްވައި ދޭދޭޤައުމުތަކުގެ މައްސަލަތަކާއި ގުޅުންތަކާބެހޭ ގޮތުން މަޝްވަރާތައް ކުރައްވަމުންނެވެ.

އޭޕެކްގައި ހިމެނޭ އަވަށްޓެރި ދެޤައުމުކަމަށްވާ ޖަޕާނާއި ރަޝިޔާއާ ދެމެދު އިޤްތިސާދީ ގުޅުންތައް އެދެވޭ ގޮތުގައި ތަރައްޤީ ކުރެވިފައި ނުވަނީ އެ ދެ ޤައުމުގެ ދެމެދުގައި މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ހަތަރު ޖަޒީރާއެއްގެ މައްސަލާގަ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން ޖަޕާނުގެ މިލްކުވެރިކަމުގެ ދަށުގައި އޮތް މިޖަޒީރާތައް ދެ ވަނަ ބޮޑުހަނގުރާމައިގާ ކުރީގެ ސޮވިއެޓް ޔުނިޔަން އިން ހިފުމަށް ފަހު ރަޝިޔާ އިން ވަނީ މި ހަތަރު ޖަޒީރާ މިނިވަންކުރުމަށް ދެކޮޅު ހަދާފަ އެވެ. (ނޫސްއެޖެންސީތައް)