ކަނޑު މައްޗަށް ނުކުމެ އުޅުނު ތިން ދޯންޏެއް ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަބްދުﷲ އަލީ މިރޭ ވިދާޅުވީ އއ. އަތޮޅާއި ށ. އަތޮޅާއި މާލެ ސަރަހައްދުން ކަނޑުމައްޗަށް ނުކުމެ އުޅުނު ތިން ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ސިފައިން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އަބްދުﷲ އަލީ ވިދާޅުވީ އއ. ބަތަލާ ރިސޯޓާ އަށް މޭލު ބޭރުން ހަތަރު މީހުންނާ އެކު ދަތުރު ކުރި ދޯންޏަކަށް ވީނުވީއެއް ނޭނގިގެން އުޅޭ ކަމަށް މިއަދު ހަވީރު 3:30 އެހާކަންހާއިރު ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދޯނި ހޯދުމުގެ މަސައްކަތް ސިފައިން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފްގެ އިސްކަންދަރު ލޯންޗް އެ ސަރަހައްދަށް ދާން ފުރި ކަމަށާއި ނަމަވެސް ކަނޑު ގަދަވުމުގެ ސަބަބުން ލޯންޗަށް އެ ސަރަހައްދަށް ނުދެވުމުން މިހާރު "ކޯސްޓްގާޑް ޝަހީދު އަލީ" އެ ސަރަހައްދަށް ދިޔުމަށް ފުރާފައިވާ ކަމަށެވެ.

"އއ. ބަތަލާ ރިސޯޓާ އަށް މޭލު ބޭރުން ހަތަރު މީހުންނާ އެކު ދަތުރު ކުރި ދޯންޏެއް، ވީނުވީއެއް ނޭނގިގެން މިއުޅެނީ. އެއީ މިއަދު 3:30 އެހާކަންހާއިރު ލިބުނު ރިޕޯޓެއް. އެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފްގެ އިސްކަންދަރު ލޯންޗް އެ ސަރަހައްދަށް ދާން ފުރި. ނަމަވެސް ކަނޑު ގަދަވުމުގެ ސަބަބުން ލޯންޗަށް އެ ސަރަހައްދަށް ނުދެވުނު. މިހާރު ޝަހީދު އަލީ ]ލޯންޗު[ އެ ސަރަހައްދަށް ދިޔުމަށް ވަނީ ފުރާފައި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ށ،. މަރޮށިން ދެ މީހުންނާ އެކު ވަދާދިޔަ ދޯންޏެއް ވެސް ވީނުވީއެއް ނޭނގި ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވާތީ އެ ދޯނި ހޯދުމުގެ މަސައްކަތް ވެސް ސިފައިން ކުރަމުން އަންނަ ކަމަށެވެ.

"ށ. އަތޮޅުގައި ދެ މީހުންނާ އެކު ވަދާދިޔަ މަރޮށީ ދޯންޏެއް، ށ. ނަރުދޫ އާއި މޮރޮއްޓާ ދޭތެރޭގައި ދުއްވަމުން ދިޔަ އެ ދޯނި ގެއްލިގެން ވީނުވީއެއް ނޭނގިގެން މިއުޅެނީ. މިހާރު އެ ދޯނި ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މާލޭ ސަރަހައްދުން މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން އުޅޭކަމަށް މިރޭ ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދޯނި ހޯދުމުގެ މަސައްކަތް ވެސް ސިފައިން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ދޯނިންދަތުރު ކުރި މީހުންނާ ބެހޭ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުމް ގޯސްވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށް އެމްއެންޑީއެފް އާއި ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.